ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް މި ޖުލައި މަހު ފުރި އުމްރާވެރިންނަށް ލުއިފަސޭހަ، އަވަސް އަދި މަޑުޖެހުންކުޑަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހިންގި ހާއްސަ އޮޕަރޭޝަން، މިއަދު ފަހު އުމްރާ ގްރޫޕް ފުރުމާއެކު ނިންމާލައިފިއެވެ.

މި އޮޕަރޭޝަންގެ ދަށުން މި މަހު ރާއްޖެއިން 5,565 އަށްވުރެ ގިނަ އުމްރާވެރިން ވަނީ ފުރާފައެވެ. އެމްއޭސީއެލްގެ ޕެސެންޖާ ސާވިސަސް، ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިއުރިޓީ ސާވިސަސް ގުޅިގެން ކުރިއަށް ގެންދިޔަ މި މަސައްކަތުގެ ދަށުން، އުމްރާވެރިންގެ ދަތުރުތައް އޮމާންކުރުމަށް ގިނަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ 24 ގަޑިއިރު ކުރިން 'ޕްރީ-ޗެކިން' ހެދުމުގެ ފުރުސަތު ހުޅުވާލުމެވެ. މީގެ ސަބަބުން އުމްރާވެރިންގެ ފޮށިތައް ކުރިއާލާ ޗެކިންކޮށް، ބޯޑިން ޕާސް ދޫކުރުމުގެ މަރުހަލާ ޓާމިނަލް ސަޕޯޓް ސާވިސަސްގެ އެހީތެރިކަމާއެކު ވަރަށް ފަސޭހަކަމާއެކު ކުރިއަށް ގެންދެވުނެވެ. މީގެ އިތުރުން، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓްތަކުގެ އެޑްވާންސް ކްލިއަރެންސް ހެދުމުގެ އިންތިޒާމުވެސް ވަނީ ފަހިކޮށްދީފައެވެ.

މީގެއިތުރުން އުމްރާވެރިންނަށް ހާއްސަކުރެވިފައިވާ ދޮރަކުން ޓާމިނަލަށް ވަދެވޭނެ އިންތިޒާމްތައް ހަމަޖައްސައި، އިމިގްރޭޝަން އަދި ސެކިއުރިޓީ ސްކްރީނިން މަރުހަލާތައް އަވަސްކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ވަނީ ބޭނުންކޮށްފައެވެ. ހަމައެހެންމެ، އެއާޕޯޓުގެ ބޭރު ސަރަހައްދު ތަރުތީބުކޮށް، ޓެކްސީ ކިއުތައް ބެލެހެއްޓުމާއި، އުޅަނދުފަހަރުގެ ދަތުރުފަތުރުގެ ކަންކަން އެސްޓޭޓް ސެކިއުރިޓީ ސާވިސަސްއިން ވަނީ ވަރަށް ފުރިހަމައަށް ބަލަހައްޓާފައެވެ.

އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، މި ހާއްސަ އޮޕަރޭޝަންގެ ސަބަބުން ޗެކިން، އިމިގްރޭޝަން އަދި ސެކިއުރިޓީ ސްކްރީނިން ފަދަ މަރުހަލާތައް އެއްވެސް ދަތިކަމެއްނެތި، އަވަސްކަމާއެކު ނިންމާލުމުގެ ފުރުސަތު އުމްރާވެރިންނަށް ލިބިގެންދިޔައެވެ. ކުންފުނީގެ މައިގަނޑު މަގްސަދަކީ، މިފަދަ ބާރުބޮޑު ދުވަސްވަރުތަކުގައިވެސް ހުރިހާ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމެވެ.

މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިވެދިން މޯލްޑިވްސް އިމިގްރޭޝަން، އެއާލައިންތައް، ޓްރެވެލް އެޖެންސީތައް އަދި އުމްރާ ގްރޫޕްތަކުގެ އިތުރުން ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކުން ދެއްވި އެއްބާރުލުމަށް އެމްއޭސީއެލްއިން ވަނީ ޝުކުރު އަދާކޮށްފައެވެ.