ސާބިތުނުވާ ބަރުދަން ލުއިކުރާ އުފެއްދުންތައް އިޝްތިހާރުކުރާނަމަ ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި އުފެއްދުންތައް އިޝްތިހާރުކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަވެފައިވާކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް، ސާބިތުނުހިފޭ މައުލޫމާތު ހިމެނޭގޮތަށް މިތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތު އޮޅި އޭގެ ސަބަބުން ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮންނަ ކަމެއް ކަމަށެވެ.
ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ މީހުންނާ މާބަންޑު މީހުން އަދި ގާތުން ކިރުދޭ މީހުންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު ބޮޑުކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށް ޓަކައި ބޭނުންކުރާ މައުލޫމާތު އެކި މަންސަތަކުގައި ޝާއިއުކޮށް ދައުރުކުރުމަކީ އެ އޮތޯރިޓީގައި ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާގޮތުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެކަމަށެވެ.
އެއާއެކު އެމްއެފްޑީއޭއިން ބުނީ ކާބޯތަކެއްޗަކީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ހާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ހަގީގަތާ ހިލާފަށް އިޝްތިހާރުކުރުމަކީ މަނާކަމެއް ކަމަށެވެ.
އެއާއެކު އެ އޮތޯރިޓީން ވަނީ ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާ ހަކުރު މަދުކުރުމާއި، އާދަވެ ކަސްރަތުކުރުމަށް އިލްތިމާސްކޮށްފައެވެ.
