މާލެ ސިޓީގައި ދިރިއުޅޭ އެކި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކުން ބޭނުންވާ ހާލަތްތަކުގައި މާލެ ސިޓީ ކައުންސިލުން، އެއްވެސް އަގަކާ ނުލައި ޖާގަ ހަމަޖައްސައިދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 9 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ހުށަހެޅުން ހުށަހަޅުއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މާލެ ސަރަހައްދުގައި އެކި ދާއިރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާއިރު، އެ ރައްޔިތުންނާ ބައްދަލުކުރުމަށް ރަށްރަށުގެ ކައުންސިލްތަކުން ޖާގަ ހޯދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އަދި އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ބަޔަކު މާލެ ސިޓީގައި އުޅޭތީ، އެ މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ދެ ފަރާތުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށް މޭޔަރ އާޒިމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލްތަކުން ބައްދަލުވުންތައް ބާއްވާއިރު، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުސްތަންތަން ހަމަޖައްސައިދިނުމުގެ އިތުރުން، މެހެމާންދާރީ އަދާކުރުމުގެ ގޮތުން ރިފްރެޝްމަންޓް ފަދަ ކަންކަން ވެސް ހަމަޖައްސައިދިނުމަކީ، މާލެ ސިޓީއަކީ މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ސިޓީއަކަށް ހެދުމަށް ކުރެވޭނެ މަސައްކަތެއް ކަމަށް ވެސް މޭޔަރު އާޒިމް ވިދާޅުވިއެވެ.

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒެވެ. މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ރިލްވާން އަލީ ވިދާޅުވީ، މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި މާލޭގައި ގިނަ އަދަދެއްގެ ރަށްރަށުގެ ރައްޔިތުން ދިރިއުޅޭތީ މިއީ އެ ރައްޔިތުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މި ނިންމުން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވި ހުރިހައި ކައުންސިލަރުންގެ އިއްތިފާގުންނެވެ. މި ނިންމުމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކާއި މާލެ ސިޓީ ކައުންސިލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމުގެ އިތުރަށް މާލެސިޓީގައި އުޅޭ ރައްޔިތުންނާ، ކައުންސިލްތަކުން ގުޅުން ބަދަހިކޮށް މުއާމަލާތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.