ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގު ހެޔޮކުރުމަށް ދައުލަތުން ދޭ ސަބްސިޑީއަށް ކުރާ ހޭދަ، 2026 ވަނަ އަހަރު ބޮޑުތަނުން އިތުރުވެފައިވާކަން މިނިސްޓްރީ އޮފް ފައިނޭންސްގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، 16 ޖުލައި 2026 ގެ ނިޔަލަށް ސަބްސިޑީއަށް ކުރި ހޭދަ ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 86 ޕަސެންޓްގެ އިތުރުވުމެކެވެ.
މި ހޭދަ މިހާ ބޮޑަށް އިތުރުވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ތެލާއި ކަރަންޓުގެ ސަބްސިޑީއަށް ކުރަންޖެހުނު ހަރަދު ބޮޑުވުމެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ސާފުކުރި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ތަފާސްހިސާބުތަކުގެ ތަފްސީލު:
- ތެލުގެ ސަބްސިޑީ: 2025 ވަނަ އަހަރު ހޭދަކުރި 702.1 މިލިއަން ރުފިޔާ، 2026 ވަނަ އަހަރު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ މިއަހަރު އެންމެ ބޮޑު ހޭދައެއް ކުރި ދާއިރާއެވެ.
- ކަރަންޓުގެ ސަބްސިޑީ: 341.3 މިލިއަން ރުފިޔާއިން 626.7 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
- ކުނި މެނޭޖްކުރުން: މި ދާއިރާއަށް ކުރި ހޭދަ 33.9 މިލިއަން ރުފިޔާއިން 90.6 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
- ދަތުރުފަތުރު: 128.5 މިލިއަން ރުފިޔާއިން 201.6 މިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ.
- ކާބޯތަކެތި: ކާޑުގެ ބާވަތްތަކަށް ކުރި ހޭދަ 199.4 މިލިއަން ރުފިޔާއިން 243.9 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
މި ހުރިހާ ދާއިރާއަކުން ހޭދަ އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ހަރަދު ވަނީ 207.4 މިލިއަން ރުފިޔާއިން 83.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓަކައި، އެ ތަކެތި އުފެއްދުމަށް ނުވަތަ އެތެރެކުރުމަށް ހިނގާ ހަރަދާއި ރައްޔިތުންނަށް ވިއްކާ އަގުގެ ފަރަގު ސަރުކާރުން ދަނީ ދައުލަތުގެ ބަޖެޓުން ހަމަޖައްސަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތެލާއި ކަރަންޓަށް ދެވޭ ސަބްސިޑީއެވެ.
