ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ފަންނީ ތަމްރީނުތައް ހޯދައިދިނުމަށް ބީއެމްއެލް އެކަޑެމީން އިންސެފް ޔުނިވަސިޓީ އާއެކު ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ގާއިމުކޮށްފި އެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަސިޓީން ހިންގާ ބައިނަލްއަގުވާމީ ފެންވަރުގެ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަން އަދި ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުމާއި، ލީޑަޝިޕް ތަރައްގީކުރުމާއި، ސިނާއީ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ވެސް މި އެއްބަސްވުމުގެ ދަށުން ފަހިވެގެންދާނެ ކަމަށްވެސް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލް އެކަޑެމީއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މެދުވެރިކޮށް، ބޭންކިންގް ދާއިރާގެ ފަންނީ މީހުން ތަރައްގީ ކުރުމަށް ބޭންކުން ގާއިމުކޮށްފައިވާ އެކަޑެމީއެކެވެ. މީގެ ކުރިންވެސް މި އެކަޑެމީން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް އޭޝިއަން އިންސްޓިޓިއުޓް އޮފްޗާޓަރޑް ބޭންކާސް، ސިންގަޕޯ މެނޭޖްމަންޓް ޔުނިވަސިޓީ އާއެކު އެއްބަސްވުންތައް ގާއިމުކޮށްފައި ވެއެވެ.
ރާއްޖޭގެ ބޭންކިންގް އަދި މާލީ ހިދުމަތްތަކުގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭނެ ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށްޓަކައި، ބީއެމްއެލް އެކަޑެމީން ދަނީ ދުނިޔޭގެ ކުރިއަރާފައިވާ މުއައްސަސާތަކާއެކު މަސައްކަތްކުރަމުން ކަމަށް އެ ބޭންކުން މައުލޫމާތު ދީފައި ވެއެވެ.
