ކުނިވެފައިވާ ކުނި މަގުމައްޗަށް ނެރެ، އުކާނުލާ އެއް ހަފްތާ ވަންދެން ބެހެއްޓި މައްސަލައެއްގައި "ތާޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް" މާލެ ސިޓީ ކައުންސިލުން ޖޫރިމަނާކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އެ ކުންފުނި ޖޫރިމަނާކޮށް ފޮނުވި ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެ ކުންފުނިން އަމަލުކޮށްފައި ވަނީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށެވެ. އެގޮތުން ކުނިވެފައިވާ ތަކެތި މަގުމައްޗަށް ނެރުމަށްފަހު، އެ ތަކެތި އުކާނުލާ އެއް ހަފްތާ ވަންދެން ބަހައްޓާފައި ވާތީ، ގަވާއިދުގެ ދަށުން އެ ކުންފުންޏާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
މާލެ ސަރަހައްދުގެ މަގުތަކަށް ކުނި ނެރޭ މައްސަލަ ހައްލުކުރުމަކީ ސިޓީ ކައުންސިލުން މިހާރު ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން ގަވާއިދާ ހިލާފަށް މަގުމައްޗަށް ކުނި ނެރޭ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ މެދު އަންނަނީ ފިޔަވަޅު އަޅަމުންނެވެ.
މާލޭގެ މަގުތަކާއި ހުސް ބިންތަކަށް ކުނި އެޅުމަކީ "އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުން މަނާ ކަމެކެވެ. މި ގާނޫނުގެ ދަށުން، ގަވާއިދާ ހިލާފަށް ކުނި ބަހައްޓާ ކޮންމެ މީހަކު 500 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މިކަން މޮނިޓާ ކުރުމަށްޓަކައި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 70 އަށް ވުރެ ގިނަ މުވައްޒަފުން، މާލެ 8 ޒޯނަކަށް ބަހާލައިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.
މާލެ ސިޓީ ކައުންސިލުން އިލްތިމާސް ކުރަނީ، މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ވެމްކޯ މެދުވެރިކޮށް ކުނި ނައްތާލުމަށެވެ. މަގުމައްޗަށް ކުނި އެޅުމަކީ އާންމު ސިއްހަތަށް ނުރައްކާވެ، ބަލިމަޑުކަން ފެތުރުމަށް މަގުފަހިވާ ކަމަކަށް ވާތީ، މިކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން ވެސް ހާއްސަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ ފަރާތްތައް ފާހަގަކުރެވޭ ނަމަ، ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮޓޯ އަދި ވީޑިއޯ ފޮނުވުމަށް ކައުންސިލުން އެދެއެވެ. އަދި މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ.
