މާލެ ސިޓީގެ އެކި ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް މަގުމައްޗަށް ކުނި އަޅާފައިވާ ގިނަ މައްސަލަތަކެއް ފާހަގަކުރެވި، އެ ކަންކަން ކުރި ފަރާތްތައް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސް މެދުވެރިކޮށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލޭގެ ގިނަ މަގުތަކަކަށް ވަނީ ގަވާއިދާ ހިލާފަށް ކުނި އަޅާފައެވެ. އޭގެ ތެރޭގައި ކެނދިގަސް ހިނގުން، ކަނބާއައިސާރަނި ހިނގުމުގައި ހުންނަ ސޯޝަލް ސެންޓަރު ކައިރި، އަދި ހަވީރީހިނގުމުގައި ހުންނަ ވެސްޓްޕާކް ކެފޭ ޖެހިގެން އޮންނަ ގޯޅި ހިމެނެއެވެ.

މީގެއިތުރުން ކުރިކީލަމަގު މއ. އެޕްރިސިޓީ ކައިރިއަށާއި، ކުދިރަތްމާ ގޯޅި އަދި މާވެޔޮމަގު ފަތަހަ މޯލް ކުރިމައްޗަށް ކުނި އަޅާފައިވާ މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ. ކައުންސިލުން ބުނީ މި ހުރިހާ ސަރަހައްދަކަށް ކުނި އެޅި ފަރާތްތައް ދެނެގަނެ، އެ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މާލެ ސިޓީ ސާފުތާހިރުކޮށް ބޭއްވުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބާޒާރުމަތީ ވަދުފޮށި ކަންމައްޗާއި ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓް މަތީގައި މުދާ ބަހައްޓައިގެން ވިޔަފާރިކުރަމުން ދިޔަ ފަރާތްތައް ވަނީ ހުއްޓުވާފައެވެ. އަދި އެ ސަރަހައްދުތަކުގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ އިތުރުން، އާންމުކޮށް ކުނި ބަހައްޓާ ސަރަހައްދެއް ކަމަށްވާ އާބުރުޒު މަގާއި ފުއްކަފަ ގޯޅި ކަންމަތިން ވެސް ވަނީ ކުނި ނަގައި ސާފުކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުން ފާހަގަކުރި ގޮތުގައި އެ ކައުންސިލްގެ މައިގަނޑު އަމާޒަކީ މާލެއަކީ އަމާން އަދި ސާފުތާހިރު ތަނަކަށް ހެދުމެވެ. އެހެންކަމުން ގަވާއިދާ ޚިލާފަށް އާންމު ތަންތަނަށް ކުނި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހާއްސަ ސަމާލުކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާލޭގެ މަގުތަކަށާއި ހުސް ބިންތަކަށް ކުނިއެޅުމަކީ "އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުން މަނާކަމެކެވެ. މި ގާނޫނުގެ ދަށުން ގަވާއިދާ ހިލާފަށް ކުނި ބަހައްޓާ ކޮންމެ މީހަކު 500 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.

މިފަދަ އަމަލުތައް ހުއްޓުވައި، މާލޭގެ މަގުތައް މޮނިޓާ ކުރުމަށްޓަކައި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 70 އަށް ވުރެ ގިނަ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން މުޅި މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފައެވެ.