ބަސް އަހައިގެން އުޅުމަށް އިންޒާރު ދެމުން އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައި މިވަނީ، އީރާނުން ބަސް ނާހާނަމަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، ބުދަ ދުވަހު ދިން މި ހަމަލާތަކުގައި އަމާޒުކޮށްފައިވަނީ ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ނުރައްކާކުރުމަށް އީރާނުން ބޭނުންކުރާ އަސްކަރީ ވަސީލަތްތަކަށެވެ.

ބުދަ ދުވަހުގެ ދުވާލުގެ ވަގުތުގައި ދެ ފަހަރެއްގެ މަތިން ހަމަލާތައް ދީފައިވާއިރު ގްރޭޓާ ޓުންބް ޖަޒީރާގައި ހުރި އީރާނުގެ އައްސޭރިފަށުގެ ދިފާއީ ނިޒާމުތަކަށާއި ކްރޫޒް މިސައިލް ރައްކާކުރާ ތަންތަނަށް 1 ގަޑިއިރާއި 30 މިނެޓުގެ ހަމަލާތަކެއް ދީފައި ވެއެވެ. މީގެ އިތުރުން، ބަންދަރު އައްބާސް ހިމެނޭހެން އީރާނުގެ ކޮމާންޑް ސެންޓަރުތަކަށާއި، ވައިގެ ދިފާއީ ނިޒާމުތަކަށާއި، ޑްރޯން އަދި މިސައިލް ވަސީލަތްތަކަށް ވެސް ދެވަނަ ބުރުގައި ހަމަލާދީފައިވާ ކަމަށް ސެންޓްކޮމް އިން ބުނެފައި ވެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައެވެ. މީގެ ތެރޭގައި ބަހްރޭނާއި ކުވައިތުގައި ހުރި އަމާޒުތައް ހިމެނެއެވެ. އަދި އުރުދުންގައި ހުރި އެމެރިކާގެ މުވާސަލާތީ ނިޒާމުތަކަށާއި ގުދަންތަކަށް ޑްރޯން މެދުވެރިކޮށް ހަމަލާދީފައިވާ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ. ނަމަވެސް، އުރުދުންގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ އީރާނުން ފޮނުވާލި އަށް ޑްރޯނެއް އެ ގައުމުގެ އަސްކަރިއްޔާއިން ވައްޓާލާފައިވާ ކަމަށާއި، އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

ކުރިއަށް އޮތް ހަފުތާގައި އީރާނުން މަޝްވަރާތަކަށް އެނބުރި ނާންނަނަމަ، އެ ގައުމުގެ ބްރިޖުތަކަށާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ އަންގާރަ ދުވަހުގެ ރޭ ދެއްވާފައެވެ. ބުދަ ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ވަކި މުހުލަތެއް ދެއްވަން ބޭނުންފުޅު ނުވި ނަމަވެސް، ކަންކަން ހިނގަމުންދާ ގޮތް އީރާނަށް އެނގޭނެ ކަމަށާއި، އެހެންކަމުން އީރާނުން އަމަލުތައް ރަނގަޅަށް ބެހެއްޓުން މުހިންމު ކަމަށެވެ. އަދި އީރާނުން މައްސަލަ ހައްލުކުރަން ބޭނުންވާ ކަމަށާއި، އެމެރިކާއިން ކުރަމުންދާ ކަންކަމާ އީރާނުން ހިތްހަމަނުޖެހޭ ކަމަށް ވެސް ދިފާއީ ސަމިޓެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ އިސް ނެގޯޝިއޭޓަރު މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވި ގޮތުގައި، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ސަބަބުން އީރާނަށް ފައިދާއެއް ނުކުރާނަމަ، އެ އެއްބަސްވުމަށް އަމަލުކުރުމުގެ އެއްވެސް ސަބަބެއް ނެތެވެ. އަދި އީރާނުގެ ގައުމީ ސަލާމަތް ބިނާވެފައިވަނީ ހޮރުމުޒް ކަނޑުއޮޅީގައި އީރާނުގެ ބާރު ދެމެހެއްޓުމުގެ މައްޗަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަލުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، ކަނޑުގެ މަގު ބަންދުކުރުމާ ގުޅިގެން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ އެމެރިކާއާއި އެ ގައުމުގެ ބައިވެރިންނަށް ފައިދާވާ ތެލާއި ގޭސް އެކްސްޕޯޓުކުރާ އެހެނިހެން މަގުތައް ވެސް ބަންދުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރަމުން ދިޔަ ނަމަވެސް، އީރާނުން ވަނީ އެ ގައުމުގައި ހައްޔަރުކޮށްފައި ހުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޑީނާ ކަރާރީ މިނިވަންކޮށްފައެވެ. ޑިސެންބަރު 2024 އިން ފެށިގެން ހައްޔަރުކޮށްފައި ހުރި ކަރާރީ މިނިވަންކުރުމަކީ އީރާނުން ދެއްކި ހެޔޮ ނިޔަތެއް ކަމަށް ސިފަކުރައްވައި، ޓްރަމްޕް ވަނީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ. ކަރާރީގެ ގާނޫނީ ވަކީލު ޖެރެޑް ގެންސަރ އެކްސްގައި ކުރި ޕޯސްޓަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަރާރީ މިހާރު ދަނީ އެމެރިކާއަށް އެނބުރި ދިއުމަށް ދަތުރުކުރަމުންނެވެ.