ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިގެ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވައި، ބޭރު ގައުމުތަކުން ފަސޭހަކަމާއެކު ފައިސާ ގެނެވޭނެ އިންތިޒާމު އެ ބޭންކުން ހަމަޖައްސައިފިއެވެ.
މި އާ ހިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އަމިއްލަ 'އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރު' (އައިބީއޭއެން) އެއް ހިމެނޭ އިންޓަނޭޝަނަލް އެކައުންޓެއް ހުޅުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ބޭރުގެ އެކައުންޓްތަކުން ފޮނުވާ ފައިސާ އެއްވެސް ދަތިކަމެއް ނެތި ލިބޭނެ މަގު ފަހިވެގެންދާނެއެވެ.
ބީއެމްއިން ބުނީ މި އިންޓަނޭޝަނަލް އެކައުންޓްގެ ހިދުމަތް ތިން ފައިސާއަކުން ލިބޭނެކަމަށެވެ. އެއީ އެމެރިކާ ޑޮލަރު، ޔޫރޯ އަދި ޕައުންޑެވެ. މި އެކައުންޓުތަކުން ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާއެކު، އެ ފައިސާ ވަގުތުން ކަސްޓަމަރުގެ 'ސްވައިޕް' ވޮލެޓަށް ޖަމާވާނެކަމަށް ބީއެމްއެލްއިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، ސްވައިޕްއަށް ލިބޭ ޕީ-ޓު-ޕީ ފައިސާގެ ޓްރާންސްފަރތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ބޭންކުން ބުނެއެވެ.
މި ހިދުމަތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، ބައިނަލްއަގްވާމީ ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށެވެ.
'ސްވައިޕް' އަކީ ފުރިހަމަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކަށް ހެދުމަށާއި، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ކުރީކޮޅު ތައާރަފްކުރި 'ސްވައިޕް' އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިހާރުވެސް 20،000 އަށްވުރެ ގިނަ ކަސްޓަމަރުން މި ހިދުމަތް ބޭނުންކުރަމުންދާކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ. އަދި 3,300 އަށްވުރެ ގިނަ މާޗަންޓުން މި ހިދުމަތް ބޭނުންކުރަމުންދާއިރު، މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ ޑިޖިޓަލް ޕޭމަންޓް ހިދުމަތްކަންވެސް ބީއެމްއެލް އިން ފާހަގަކުރެއެވެ.
