މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، މި އިނާމު އެރުވުމަށް ހަމަޖެހިފައި ވަނީ ދައުލަތަށް 41 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނަށެވެ.
މި ބޭފުޅުން ހޮވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސް އޮފީހުން ހޯދައި، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުންނެވެ. ކޮމިޓީން ވަނީ އެ މައުލޫމާތުތައް ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކުރައްވައި، ޝަރުތު ފުރިހަމަވާ ކަން ކަށަވަރު ކުރައްވާފައެވެ.
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދޭން ފެށި ފަހުން، ކޮންމެ އަހަރަކު ވެސް ވަކި މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވަމުން ގެންދާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެގޮތުން، މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ވަނީ މި އިނާމު އަރުވާފައެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ދޭ އިނާމުތަކުގެ އިތުރުން، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް މިއަހަރު އާންމުކޮށް ހުޅުވާލި ފުރުސަތުގައި 130 ފޯމު ހުށަހަޅާފައި ވެއެވެ. މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅި މި ފޯމުތައް ކޮމިޓީން ބަލައި އިންޓަވިއު ކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރިއަށް އޮތް ޖުލައި 26 ވަނަ ދުވަހުއެވެ. މި ޖަލްސާގައި ދައުލަތުގެ އިސްވެރިންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
