މާލެ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، މ. ލޭންޑްއޮފްގާޑްންގެ ބައެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރާ ގުޅިގެން އެ ތަން ބަންދުކޮށްފައިމި މަހުގެ 13 އިން ފެށިގެން 11 އޮކްޓޯބަރުގެ ނިޔަލަށް ކަމަށެވެ. މިއީ މާލެ ސިޓީގައި މަސްތުވާތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރުމަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ބަންދުކުރެވުނު 6 ވަނަ ތަނެވެ. ފުލުހުން ދަނީ މިފަދަ އައްޑާތައް ނައްތާލުމަށް ބޮޑު އިސްކަމެއް ދީގެން އޮޕަރޭޝަންތައް ހިންގަމުންނެވެ.

މީގެ ކުރިން މިއަހަރުގެ މެއި މަހުން ފެށިގެން މާލޭގެ އިތުރު 5 ތަނެއް 3 މަސްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ތަންތަނަކީ:

  • ހ. ގުންޒަރު: 6 މެއި 2026 އިން 3 އޮގަސްޓު 2026 އަށް
  • މ. ތަރިވިލާގެ: 22 މެއި 2026 އިން 22 އޮގަސްޓު 2026 އަށް
  • މ. އަމީރާމަންޒިލް (ބައެއް): 1 ޖޫން 2026 އިން 1 ސެޕްޓެމްބަރު 2026 އަށް
  • މއ. ސެވަން އެންޑް ހައުސް: 11 ޖޫން 2026 އިން 9 ސެޕްޓެމްބަރު 2026 އަށް
  • ހ. ކަނޑުފިނިގެ (ފުރަތަމަ ފަންގިފިލާގެ 1 ކޮޓަރި): 25 ޖޫން 2026 އިން 24 ސެޕްޓެމްބަރު 2026 އަށް

ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

މާލެ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެފަދަ ހިދުމަތްތައް ދޭ އިތުރު ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.