ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ނިންމެވުމަކީ އިގްތިސާދީ ގޮތުން ދައުލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އިސްރާފު ކުޑަކުރުމުގެ މަގްސަދުގައި ނިންމެވި ނިންމެވުމެކެވެ. މިއީ މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ފުރަތަމަ ފަހަރެއް ނޫނެވެ.

ރަސްމީ ބައްދަލުކުރެއްވުން ނުބޭއްވި ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ސޯޝަލް ސެންޓަރު ނުވަތަ ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.

ސަރުކާރުން ދަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި ބޮޑެތި ހަރަދުތައް ހިނގާ ހަފްލާތަކާއި ރަސްމިއްޔާތުތައް މަދުކުރުން ހިމެނެއެވެ.