ބ. ކުޑަރިކިލުގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، އެ ރަށު އައިސްޕްލާންޓްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކުޑަރިކިލުގައި އައިސްޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ، އައިސްޕްލާންޓް އޮޕަރޭޝަނަށް ގެނެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ކުޑަރިކިލަކީ ފަރުމަހުގެ މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ރަށެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެ ރަށުގެ މަސްވެރިން އައިސްޕްލާންޓަކަށް އެދިފައިވަނީ ވަރަށް ބޮޑަށް އެކަމަށް ބޭނުންވެފައިވާތީ ކަމަށެވެ.
މި ސަރުކާރު ވެރިކަމަށް އައިއިރު މަސްވެރިންނަށް އައިސް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން، އޭގެ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ދެއްކެވީ ކުރީ ސަރުކާރުން އައިސްޕްލާންޓްތައް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމެވެ. މިނިސްޓަރު ވިދާޅުވީ އައިސްޕްލާންޓްތައް ހިންގާ ބަލަހައްޓަން އެނގެނީ މިފްކޯގެ ޓެކްނިކަލް މީހުންނަށް ކަމަށްވާއިރު، އެކަން ނޭނގޭ ބަޔަކާ ހަވާލުކުރުމުން އެކަން ވެގެންދިޔައީ "ވަރަށް ބޮޑު މުސީބާތަކަށް" ކަމަށެވެ.
"އެ ދައުރު ނިމުނުއިރު ފެނަކައާ ހަވާލުކުރި 22 އައިސްޕްލާންޓްގެ ތެރެއިން ދެބައިކުޅަ އެއްބައި ވެސް އޮޕަރޭޝަނަކު ނެތް. އެއީ އެއާ ކުޅެން ނޭނގޭ ބަޔަކާ އެ މަސައްކަތް ހަވާލުކުރުމުން ދިމާވި ކަމެއް،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ އައިސްޕްލާންޓާއި ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް މަދުވުން ކަމަށެވެ. މި ވަސީލަތްތައް ނެތުމުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ ހަމައަގު ހިފެހެއްޓުމަށް ދަތިވާކަން ފާހަގަކުރައްވައި، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މެނިފެސްޓޯއާ އެއްގޮތަށް މި މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
