ރިޔާސީ އިންތިހާބުގައި ބ. ކުޑަރިކިލު ރައްޔިތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރެއްވި އިތުބާރުގެ ނަތީޖާ ދައްކުވައިދެއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ 4 ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ކުޑަރިކިލަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ އިންތިހާބުގެ ތެރޭގައި އެ ރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުރިހަމަ ކުރެއްވުމަށްޓަކައި ކުރިއަށް ދެވޭނެ މަގު މިހާރު ފަހިކުރެވިފައިވާކަމަށެވެ.
ރައީސް ވިދާޅުވީ ކުޑަރިކިލު ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައި އޮތް އޮތުންކަމަށާއި، މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި މަސައްކަތް އަލުން ފައްޓަވާނޭކަމަށެވެ. އަދި ބާރު ދުވެލީގައި މަސައްކަތް ކުރިއަށްގެންދަވާ، ސެޕްޓަމްބަރު މަހުން ފެށިގެން ގިނަވެގެން 6 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަވާނޭކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.
އިތުރަށް ރައީސް ވިދާޅުވީ ކުޑަރިކިލުގެ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރައްވާފައި ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކަށް މަގުހެދުމުގެ މަޝްރޫއުވެސް ކުރިއަށްދާނެކަމަށެވެ.
މީގެއިތުރުން ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއިން ރާއްވަވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ މިހާރު ހުއްޓުމަކަށް އައިސްފައިވާ ސްކޫލްގެ މަސައްކަތް ބާރު ދުވެލީގައި ނިންމެވުމަށްފަހު، ރައްޔިތުން އެދޭ ފަދަ މަލްޓި ޕާޕަސް ހޯލެއްގެ މަސައްކަތްވެސް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަމަށެވެ. އަދި މިއަދު ބިންގާ އެޅި ސިއްހީ މަރުކަޒުގެ އާ އިމާރާތާއެކު، ސިއްހީ ހިދުމަތްތައް އަޕްގްރޭޑުކުރުމުގެ މަސައްކަތްވެސް ފެށިގެން ދިޔައީކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރަށުގެ ފުޓުބޯޅަ ދަނޑުގެ މަޝްރޫއު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި މަހު ހަވާލުކުރައްވާނޭ ކަމަށާއި، ކުޑަރިކިލުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި ހޭންޑްބޯލް ކޯޓެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވަން ނިންމަވާފައިވާކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ރައީސް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.