ވެރިއަކު ބޭނުންފުޅުވާ ނަމަ ހުރިހާ ކޯޓެއްގެ ފުރާޅުވެސް ނެގިދާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މިއަދު ބ. ކުޑަރިކިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ވައުދު ވެވަޑައިގަންނަވާ ކަންކަމާ ގުޅިގެން އިދިކޮޅު ކެންޑިޑޭޓުން އެ ވާހަކަ ދައްކަވާ ކަމަށެވެ. އަދި ވެރިއަކު އިންތިހާބު ވަނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ހިދުމަތް ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެ ލިބޭ ފައިސާ އެހެން ކަންކަމަށް ބޭނުން ކުރާކަށް ނުޖެހޭނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ އިދިކޮޅަށް މީގެ ކުރިން ލިބުނު ފުރުސަތުގައި އެކަމެއް ނުވި ކަމަށާއި ބަޖެޓުގައި ޕީއެސްއައިޕީ އަށް 4 ބިލިއަން ޖެހި ކަމުގައި ވިޔަސް އެކަން ކަން ކުރާނެ ޕްލޭނެއް، ހަރަދުކުރަން ޖެހޭ ގޮތްވެސް އިދިކޮޅަށް އެނގިފައި ނުވާ ކަމަށެވެ. އަދި މިއަދު މުޅި ނިޒާމު ބަދަލުކޮށްފައިވާ ކަމަށާއި ރާއްޖޭގައި ހިންގުންތެރިންނާއި ފުދުންތެރިން ތިބި ކަމަށާއި އެ މީހުންނަށް ބޭނުންވަނީ ފުރުސަތު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ މިހާރާއި އޭރުގެ އެމްޓީސީސީގެ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެމްޓީސީސީއިން އޭރު ކުރަމުން ދިޔައީ އެއްފަހަރާ 20 ޕްރޮޖެކްޓް ނަމަވެސް މިއަދު 120 އަށް ވުރެ ގިނަ ޕްރޮޖެކްޓް އެއްފަަހަރާ އެމްޓީސީސީ އިން ކުރަމުންދާ ކަމަށެވެ. އަދި ދައުލަތަށް ލިބެން ޖެހޭ ފައިސާ އަމިއްލަ އެކައުންޓަކަށް ޖަމާވުމުން އެ މައްސަލަ ކޯޓުން ބެލުމަށް ފަހު އެކަން ނިންމުމުން މިނިވަން ކުރުމަށް ގޮވާލައި ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ރައީސް އެ އިޝާރާތް ކުރައްވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުގެ ޖަލަށްލައިފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޯޓުތައް މިނިވަންކަމާއެކު މަސައްކަތް ކުރަމުން ދާއިރު އެ ފުރުސަތު ދޭން ޖެހޭ ކަމަށާއި ޝައުރީ ދާއިރާއަށް ނުފޫޒު ފޯރުވަން އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށެވެ. އަދި މިނިވަންކަމާއެކު އެކަން ކުރެވެންޖެހޭ ކަމަށާއި އެއީ ހެޔޮ ވެރިކަމުގެ އެއް ސިފަ ކަމަށް ވާއިރު ކުރިއަށް އޮތް ތަނުގައި ވެސް ޝަރުއީ ދާއިރާ ހިނގާނީ މިނިވަން ކަމާއެކު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ވެރިއަކަށް ހުންނަވާ ބޭފުޅަކު ބޭނުންފުޅު ވެއްޖެނަމަ އެއް ފަހަރާ ހައި ކޯޓާއި ސްޕްރީމް ކޯޓާއި ހުރިހާ ކޯޓެއްގެ ފުރާޅު ނެގޭނެ ކަމަށާއި އެހެންނަމަވެސް ލިބިވަޑައިގެންފައިވާ ބާރު ނާޖާއިޒު ގޮތުގައި އެމަނިކުފާނު ބޭނުން ނުކުރައްވާނެ ކަމަށެވެ. އަދި ވެރިކަން ލިބިވަޑައިގަތުމުން ގާނޫނީ ގޮތުން ލިބިފައިވާ ބާރަކީ ތިމާ ބޭނުން ގޮތަކަށް ކަންކުރަން ދީފައިވާ އެއްޗަކަށް ވާނަމަ ގައުމު ވެއްޓޭނީ ހަމަނުޖެހުމުގެ ތެރެއަށް ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ވެރިއަކަށް ލިބިވަޑައިގަންނަވާ ބާރުތައް ގިނަ ކަމަށާއި މިހާރު ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅުން ވެސް ގާނޫނީ ގޮތުން 115 ވަނަ މާއްދާއިން ލިބިފައިވާ ބާރުތައް ބޭޭނުން ކުރައްވަން ލަފާދެއްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ އަންނަ ދައުރުގައި ކުޑަރިކިލު ސިއްހީ މަރުކަޒުގެ ހިދުމަތް ފުޅާކުރަން އިތުރު ވަސީލަތްތައް ގާއިމު ކުރުމަށާއި އެ ރަށުގެ ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި މަލްޓިޕާޕަސް ހޯލުގެ އިތުރުން ޒުވާނުންނަށް ބޭނުންވާ ވަސީލަތްތަކާއެކު ޒުވާނުންގެ މަރުކަޒެއް ހައްދަވައި ދެއްވާނެ ކަމުގެ ވައުދު ވެވަޑައިގެންފައެވެ. އަދި އެ ރަށުގައި އޭޓީއެމްގެ ހިދުމަތް ދިނުމާއި ކަރަންޓްގެ ހިދުމަތް ހައްލުކުރަން މުޅި ނެޓްވޯކް ބަދަލު ކުރުމަށާއި ކުޑަކުދިންގެ ޕާކެއް އަޅައިދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
އަޅެނަގާބަލަ މޮޅޭމަބުނާނަން ކަލެއައް ނެގޭނީ ފޮށާ