ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓާކާޑު ގުޅިގެން، ކަސްޓަމަރުންނަށް ޖުމްލަ 100,000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ 6 ޖުލައި އިން ފެށިގެން 31 އޮގަސްޓްގެ ނިޔަލަށެވެ. ބޭންކުން މައުލޫމާތު ދޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓާކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިވުމަށްޓަކައި، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓާކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަ ކުރަންޖެހެއެވެ. ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހަފުތާއަކު 1,000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު ލިބޭއިރު، މަހެއްގެ ތެރޭގައި 5,000 ރުފިޔާ ހަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެއެވެ.
ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، ކޮންމެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މި ފައިސާ ސީދާ އެ ފަރާތްތަކުގެ ބީއެމްއެލް އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލް މާސްޓާކާޑު ޑެބިޓް ކާޑަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި ފައިސާ ނެގުމަށް ބޭނުންކުރެވޭނެ ކާޑެކެވެ. ރާއްޖޭގައި މި ކާޑު ބޭނުންކޮށްގެން ދިވެހި ރުފިޔާ އެކައުންޓްތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބޭންކުން ދޫކުރާ މާސްޓަރކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑުތަކަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދިނުމުގެ އިތުރުން، ތަފާތު އެކި އިނާމުތަކާއި ހާއްސަ ފުރުސަތުތައް ލިބިދޭ ކާޑުތަކެކެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.
