ލަންޑަނުގެ އުސް އިމާރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ 'ދަ ޝާޑް' އާއި، މަޝްހޫރު 'ހެރޮޑްސް' ފިހާރައިގެ އިތުރުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބޭއްވި ޒަމާނީ ސްޓޭޑިއަމްތަކަކީ މިއަދު ގަތަރުގެ މުއްސަނދިކަމާއި ބާރުވެރިކަން ދައްކުވައިދޭ ރަމްޒުތަކެކެވެ. ނަމަވެސް މީގެ ތިން ދިހަވަރަކަށް އަހަރު ކުރިން އެ ގައުމުގެ ހާލަތު މުޅިން ތަފާތެވެ. އުމުރުފުޅުން 74 އަހަރުގައި ދާދި ފަހުން އަވަހާރަވި ގަތަރުގެ ކުރީގެ އަމީރު ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީއަކީ މި ބޮޑު ބަދަލުގެ މޭސްތިރިއާއެވެ.
1995 ވަނަ އަހަރު ޝައިހް ހަމަދު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ގަތަރުގެ އިގުތިސާދު ބިނާވެފައި އޮތީ ހަމައެކަނި ތެލުގެ މައްޗަށެވެ. އެ ގައުމުގެ އިގުތިސާދުގެ ސައިޒު ކުޑަވެފައި، 'ނޯތު ފީލްޑް' ގައި ހުރި ގުދުރަތީ ގޭހުގެ ބޮޑު ހަޒާނާ އޮތީ ތަރައްގީކުރުމުގެ އެންމެ ކުރީކޮޅުގައެވެ. ނަމަވެސް، އެމަނިކުފާނުގެ 18 އަހަރުގެ ވެރިކަމުގައި، ގަތަރު ވަނީ ދުނިޔޭގައި އެންމެ ގިނައިން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ބޭރުކުރާ ގައުމަށް ބަދަލުވެފައެވެ. މިއީ ހަމައެކަނި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން އައި ބަދަލެއް ނޫނެވެ. މިއީ ގުދުރަތީ ވަސީލަތްތަކުން ލިބޭ އާމުދަނީ، އުމްރާނީ ތަރައްގީއަށާއި އިންސާނީ ވަސީލަތް ބިނާކުރުމަށް އިންވެސްޓްކުރުމަށް ގެންގުޅުއްވި ހަރުދަނާ ސިޔާސަތުގެ ނަތީޖާއެވެ.
ގުދުރަތީ ގޭހުގެ އިންގިލާބު
ގަތަރުގެ އިގުތިސާދީ ބަދަލުގެ ފެށުމަކީ ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ގޭސް ފީލްޑް ކަމަށްވާ 'ނޯތު ފީލްޑް' ތަރައްގީކުރުމެވެ. 1990 ގެ އަހަރުތަކުގެ ފަހުކޮޅު، ގޭސް ދިޔާކުރުމުގެ މަޝްރޫއުތަކަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ކުރުމަށް ނިންމެވި ނިންމެވުމަކީ ގަތަރުގެ މިސްރާބު ބަދަލުކޮށްލި ނިންމެވުމެކެވެ. 1996 ވަނަ އަހަރު އެލްއެންޖީގެ ފުރަތަމަ ޝިޕްމަންޓް ބޭރުކުރަން ފެށި ފަހުން، 15 އަހަރު ނުވަނީސް ގަތަރު ވަނީ މި ބާވަތް އެންމެ ގިނައިން އެކްސްޕޯޓުކުރާ ގައުމުގެ މަގާމު ހޯދާފައެވެ.
ގަތަރު އެނާޖީ އަދި އިންޓަނޭޝަނަލް އެނާޖީ އޭޖެންސީގެ ތަފާސްހިސާބުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި، 2010 ވަނަ އަހަރާ ހަމައަށް އައިއިރު ގަތަރުން އަހަރަކު 77 މިލިއަން ޓަނުގެ ގޭސް އުފެއްދުމުގެ ގާބިލުކަން ހޯދިއެވެ. ގަތަރުގެ އަމީރީ ދީވާނުގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި، ޝައިހް ހަމަދުގެ ވެރިކަމުގައި ހަކަތައިގެ ދާއިރާގެ އަގު 11 ބިލިއަން ގަޠަރީ ރިޔާލަ (ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރު) އިން 403 ބިލިއަން ރިޔާލަ (ގާތްގަނޑަކަށް 110.4 ބިލިއަން ޑޮލަރު) އަށް އިތުރުވެގެން ދިޔައެވެ. މި ކުރިއެރުމާއެކު، އޭޝިއާ އަދި ޔޫރަޕުގެ ގައުމުތަކުގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ މުހިންމު ބައިވެރިއަކަށް ގަތަރު ވެގެން ދިޔައެވެ.
މުއްސަނދިކަން ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި އިންވެސްޓްމަންޓް
ގުދުރަތީ ވަސީލަތްތަކަކީ ހުސްވާނެ އެއްޗެއްކަން ދެނެވަޑައިގެން، ޝައިހް ހަމަދު ވަނީ ލިބެމުންދިޔަ ބޮޑު އާމުދަނީ ދިގު މުއްދަތަކަށް ރައްކާތެރިކުރުމުގެ ނިޒާމެއް ގާއިމުކުރައްވާފައެވެ. މިގޮތުން 2001 ވަނަ އަހަރު އެމަނިކުފާނުގެ ރިޔާސަތުގެ ދަށުން 'ސުޕްރީމް ކައުންސިލް ފޯ އިކޮނޮމިކް އެފެއާޒް އެންޑް އިންވެސްޓްމަންޓް' އުފެއްދެވިއެވެ. އޭގެ ހަތަރު އަހަރު ފަހުން، 2005 ގައި 'ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީ' (ކިއުއައިއޭ) ގެ ނަމުގައި ސޮވެރިން ވެލްތު ފަންޑެއް ގާއިމުކުރެއްވިއެވެ.
މި ފަންޑުގެ ބޭނުމަކީ ތެލާއި ގޭހުން ލިބޭ އާމުދަނީގެ ބައެއް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ފައިދާހުރި ވިޔަފާރިތަކުގައި އިންވެސްޓްކުރުމެވެ. ކިއުއައިއޭ އިން ވަނީ ބާކްލޭސް، ފޯކްސްވެގަން ފަދަ ބޮޑެތި ކުންފުނިތަކުގެ ހިއްސާ ގަނެފައެވެ. ސޮވެރިން ވެލްތު ފަންޑް އިންސްޓިޓިއުޓާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރު މި ފަންޑުގެ މިލްކިއްޔާތުގެ އަގު 500 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް ސަރުކާރު އިންވެސްޓަރެވެ.
އިންސާނީ ވަސީލަތާއި އުމްރާނީ ތަރައްގީއަށް ކުރި ހޭދަ
އިގުތިސާދީ ކުރިއެރުމުގެ ފައިދާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރެވުނެވެ. ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޝައިހް ހަމަދުގެ ވެރިކަމުގައި ގަތަރު ވެގެން ދިޔައީ ބޮލަކަށް ޖެހޭ އާމުދަނީ އެންމެ މަތީ އެއް ގައުމަށެވެ. މި އަދަދު 90,000 ޑޮލަރަށް ވުރެ މައްޗަށް އެރިއެވެ.
މީގެ އިތުރުން، ތައުލީމާއި ސިއްހީ ދާއިރާއަށް ބޮޑެތި އިންވެސްޓްމަންޓުތަކެއް ކުރެވުނެވެ. 1995 ވަނަ އަހަރު 'ގަތަރު ފައުންޑޭޝަން' އުފައްދަވައި، ޖޯޖްޓައުން، ޓެކްސަސް އޭއެންޑްއެމް އަދި ކާނެގީ މެލަން ފަދަ ދުނިޔޭގެ ފެންވަރުގެ ޔުނިވާސިޓީތަކުގެ ކެމްޕަސްތައް ގަތަރުގައި ގާއިމުކުރިއެވެ. އަދި ހަމަދު މެޑިކަލް ކޯޕަރޭޝަން ފުޅާކޮށް، އާ ހޮސްޕިޓަލްތައް ބިނާކުރިއެވެ.
އުމްރާނީ ތަރައްގީއަށް ބަލާއިރު، ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާއި، ހަމަދު ޕޯޓް އަދި ލުސައިލް ސިޓީ ފަދަ ބޮޑެތި މަޝްރޫއުތައް ފެށިގެން ދިޔައީ މި ދުވަސްވަރުއެވެ. 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުމާއެކު، މަގުތަކާއި، ސްޓޭޑިއަމްތަކާއި، ރޭލު ވިއުގަ ގާއިމުކުރުމަށް 200 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ހަރަދުކުރި ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މުސްތަގުބަލުގެ ތަސައްވުރު
ޝައިހް ހަމަދުގެ އިގުތިސާދީ ބަދަލުތަކުގެ އެންމެ މުހިންމު އެއް ބިންގަލަކީ 2008 ވަނަ އަހަރު އިފުތިތާހުކުރި 'ގަތަރު ނޭޝަނަލް ވިޝަން 2030' އެވެ. މިއީ ތެލާއި ގޭހަށް ބަރޯސާވުން ކުޑަކޮށް، އިލްމުގެ މައްޗަށް ބިނާވެފައިވާ އިގުތިސާދެއް ބިނާކުރުމަށް އެކުލަވާލި ދުރުރާސްތާގެ ޕްލޭނެކެވެ. ބްލޫމްބާގުން ހަވާލާދީފައިވާ ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 1995 ގައި 8 ބިލިއަން ޑޮލަރުގައި އޮތް ގަތަރުގެ ޖީޑީޕީ، 2013 ވަނަ އަހަރާ ހަމައަށް 199 ބިލިއަން ޑޮލަރަށް ވަނީ އިތުރުވެފައެވެ.
މިއަދު ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އާލް ސާނީ ކުރިއަށް ގެންދަވަނީ، އެމަނިކުފާނުގެ ބައްޕާފުޅު ޝައިހް ހަމަދު ބިނާކުރެއްވި ހަރުދަނާ އިގުތިސާދީ ބިންގަލުގެ މަތީގައެވެ. ގުދުރަތީ ވަސީލަތްތަކުން ލިބުނު ވަގުތީ މުއްސަނދިކަން، ދާއިމީ ތަރައްގީގެ ވަސީލަތަކަށް ބަދަލުކޮށްލުމަކީ ޝައިހް ހަމަދު ދޫކުރެއްވި އެންމެ ބޮޑު ތަރިކައެވެ.
