މިހާތަނަށް މި ސަރުކާރަށް ބޭރު ގައުމަކުން އެއްވެސް ޑޮލަރެއް ހޯދިފައި ނުވާ ކަމަށާއި، މިހާރު ވެސް ސަރުކާރަށް ލިބެމުންދާ ޑޮލަރަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ގާއިމުކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން ލިބޭ ފައިސާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަނުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބޭރުގެ އެއްވެސް ގައުމަކުން މި ސަރުކާރަށް ޑޮލަރު ގެނެވިފައި ނުވާ ކަމަށެވެ. އަދި 2024، 2025 އަދި 2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ އެއްވެސް ޑޮލަރެއް ވެސް ސަރުކާރަށް ހޯދިފައި ނުވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ ސަރުކާރުން ޑޮލަރު ރޭޓު ދަށަށް ދާނެ ކަމަށް ބުންޏަސް އެއީ އިގްތިސާދީ ހަމައަކުން ބަލާފައި ދައްކާ ވާހަކައެއް ނޫންކަން އެނގޭ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ރޭޓު މައްޗަށް ދާއިރު، އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނާ ވިޔަފާރިތަކަށް ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ވިޔަފާރިވެރިން ހަދާ ޓީޓީތަކަށް ޑޮލަރު ނުލިބޭކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ ވިޔަފާރިތަކުން ޑޮލަރު ގަންނަން ޖެހިފައިވަނީވެސް ކަޅު ބާޒާރުގައި ކަމަށެވެ.

ރާއްޖޭގެ އެތެރޭގައި ހުރި ޑޮލަރުތައް ސަރުކާރުން ބޭނުންކުރަމުންދަނީ ބޭކާރު އިސްރާފުތަކަށާއި، ބޭނުމެއް ނެތް ޕްރޮޖެކްޓުތައް ހިންގުމަށްކަން ތުހުމަތުކުރައްވަމުން އަމީރު ވިދާޅުވީ ސަރުކާރުން ޕެންޝަން ފަންޑުގެ ތެރެއިން ފައިސާ ޗާޕުކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ބޯޑަށް މެންބަރުން އައްޔަންކުރާއިރު ވެސް، ފައިސާ ޗާޕުކުރަން އެއްބަސްވޭތޯ ފުރަތަމަ ސުވާލުކުރާ ކަމަށާއި، ޑޮލަރަށް މިހާރު ޕްރެޝަރު ބޮޑުވެގެން އުޅެނީ މިފަދަ ސަބަބުތަކާ ހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.