ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައިފިއެވެ.
މިއަދު ހެނދުނު 09:00 އިން ފެށިގެން ކުރިއަށްދާ މި އިންތިހާބަކީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ބާއްވާ މުހިންމު އިންތިހާބެކެވެ. ޕީއެންސީން ބުނެފައި ވަނީ މިއީ ޕާޓީގެ ކުރިމަގަށް ނުހަނު މުހިންމު އިންތިހާބެއް ކަމުން، ވީހާވެސް ގިނަ މެންބަރުން ނުކުމެ ވޯޓުލުމަކީ އެ ޕާޓީގެ އެދުމެއް ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ 131 ރަށެއްގައި މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ އިރު، އެކި މަގާމުތަކަށް ޖުމްލަ 2500 އެއްހާ ކެންޑިޑޭޓުން ވާދަކުރެއެވެ. ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 04:00 އާ ހަމައަށެވެ. އަދި 04:00 ޖަހާއިރު ވޯޓުލާން ކިއޫގައި ތިބި މީހުންނަށް ފުރުސަތު ދިނުމަށްފަހު ކިއޫ ބަންދުކުރާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.
ޕީއެންސީގެ ހިންގާ ގަވާއިދުގައިވާ ގޮތުން، އެ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރުންނަކީ އެ ދާއިރާއެއްގެ ރައީސުންނެވެ. އެހެންކަމުން، މި އިންތިހާބުގައި ދާއިރާތަކުގެ ރައީސުން ހޮވާނީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައި އެކަންޏެވެ. ނަމަވެސް، ދިއްގަރު ދާއިރާގެ ރައީސް އަޙްމަދު ނާޒިމްގެ އަމަލުތައް ހުރި ގޮތުން އޭނާ އެ މަގާމުން ވަކިކޮށްފައިވާތީ، އެ ދާއިރާގެ ރައީސަކު ހޮވުންވެސް މި އިންތިހާބުގެ ތެރޭގައި ކުރިއަށް ދާނެއެވެ.
މިއަދު ބާއްވާ މި އިންތިހާބަށްފަހު، އަންނަ ސެޕްޓެމްބަރު މަހުގެ 15 އން 18 އަށް ޕީއެންސީގެ މަތީ މަޖިލީސް (ކޮންގްރެސް) ބޭ އްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
