ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޝާރުޖާއިން ފުރައިގެން ޕާކިސްތާނުގެ ކަރާޗީއަށް ދަތުރުކުރި ކާގޯ މަތިންދާބޯޓެއް ފަސް ފަޅުވެރިންނާއެކު އަރަބި ކަނޑުގެ މަތިން ގެއްލިއްޖެއެވެ.

ޕާކިސްތާން އެއާޕޯޓްސް އޮތޯރިޓީއާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، ކޭޓޫ އެއާވޭސް އިން އޮޕަރޭޓުކުރާ ބޯއިންގް 737-400 މަރުކާގެ މި ބޯޓު ގެއްލިފައިވަނީ އަންގާރަ ދުވަހުގެ ރޭގަނޑު 9:18 ހާއިރުއެވެ. ބޯޓުގެ މުވާސަލާތީ ގުޅުން ކެނޑުނީ ނެވިގޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެގެން އުޅޭކަން އެންގުމަށްފަހުގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުދުހޭ ބޯޓުތަކުގެ މައުލޫމާތު އެއްކުރާ ފްލައިޓްރާޑާ24 ގެ ޑޭޓާއިން ދައްކާ ގޮތުގައި، ގުޅުން ކެނޑުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބޯޓު ވަނީ އެއް މިނެޓަށްވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި 5،000 ފޫޓު ތިރިކޮށްފައެވެ. އަދި އޭގެ ފަހުން 30 ސިކުންތުގެ ތެރޭގައި 6،000 ފޫޓު މައްޗަށް އެރުމަށްފަހު، 36،550 ފޫޓު މަތިން ވަރަށް ބާރު ސްޕީޑެއްގައި ތިރިއަށް ވެއްޓެން ފެށިއެވެ. ބޯޓުގެ ސިގްނަލް އެންމެ ފަހުން ލިބުނުއިރު ބޯޓު އޮތީ 1،100 ފޫޓު މަތީގައެވެ. އޭރު ބޯޓު ތިރިއަށް ދަތުރުކުރަމުން ދިޔައީ ގަޑިއަކު ގާތްގަނޑަކަށް 400 ކިލޯމީޓަރުގެ ބާރުމިނުގައެވެ.

މި ބޯޓު ގެއްލިފައިވަނީ ކަރާޗީގެ ހުޅަނގުން 155 ނޯޓިކަލް މޭލު ބޭރުންނެވެ. ސަލާމަތީ ފަރާތްތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި، ބޯޓު ހޯދުމުގެ މަސައްކަތުގައި ޕާކިސްތާނުގެ ކަނޑުގެ ސިފައިންގެ އުޅަނދަކާއި، ޕާކިސްތާން ނޭޝަނަލް ޝިޕިން ކޯޕަރޭޝަންގެ އުޅަނދެއްގެ އިތުރުން ކަނޑުގެ ސިފައިންގެ ދެ މަތިންދާބޯޓު ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާތަނަށް ބޯޓުގެ އެއްވެސް ބައެއް އަދި މީހަކުވެސް ފެނިފައެއް ނުވެއެވެ.

ކަރާޗީގައި މަރުކަޒުކޮށްގެން ހިންގާ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޭޓޫ އެއާވޭސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުނީގެ މުވައްޒަފުންގެ ސަލާމަތަށް އެދި ދުއާކުރާ ކަމަށާއި، ބޯޓު ހޯދުމުގެ މަސައްކަތުގައި ކަމާބެހޭ ފަރާތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ. މިއީ އެ ކުންފުނީގެ ފްލީޓުގައި އޮތް ހަމައެކަނި މަތިންދާބޯޓެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ މި ހާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، ގެއްލުނު ފަޅުވެރިންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.

ގެއްލުނު ބޯޓަކީ މީގެ 27 އަހަރު ކުރިން އުފައްދާފައިވާ ބޯޓެކެވެ. 1999 ވަނަ އަހަރު ރަޝިއާގެ އެރޯފްލޮޓަށް ފަސިންޖަރުން އުފުލާ ބޯޓެއްގެ ގޮތުގައި ގެނައި މި ބޯޓު، 2012 ވަނަ އަހަރު ކާގޯ ބޯޓަކަށް ބަދަލުކުރުމަށްފަހު އެކި ކުންފުނިތަކުން ވަނީ ބޭނުންކޮށްފައެވެ. ކޭޓޫ އެއާވޭސް އިން މި ބޯޓު ބޭނުންކުރަން ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގައެވެ. މި ބޯޓު ވެއްޓިފައިވާކަން ކަށަވަރުވެއްޖެނަމަ، މިއީ 2020 ވަނަ އަހަރުގެ މެއި މަހު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ބޯޓެއް ވެއްޓި 97 މީހުން މަރުވި ހާދިސާއަށްފަހު އެ ގައުމުގައި ހިނގާ އެންމެ ބޮޑު ވައިގެ ހާދިސާއަށް ވެގެންދާނެއެވެ.