ހަނގުރާމައެއްގެ ތެރޭގައި އަވަހާރަވި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީގެ ޖަނާޒާގެ ކަންތައްތައް އިއްޔެ އިރާނުގައި ފަށައިފިއެވެ. އިއްޔެ، ހަފްތާއަކަށް ދެމިގެންދާ ބޮޑު ޖަނާޒާއެއް ފަށާފައިވާއިރު އުމުރުފުޅުން 86 އަހަރުގެ ހާމަނާއީ އަވަހާރަވީ މި އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. ހާމަނާއީ އަވަހާރަވިތާ ހަތަރު މަހަށްވުރެ ގިނަ ދުވަސް ފަހުން މި ރަސްމިއްޔާތުތައް މި ފެށުނީ މިދިޔަ ޖޫން މަހު އީރާނާ، އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެވުނު ވަގުތީ އެއްބަސްވުމަކަށް ފަހުގައެވެ.

ހައްދުފަހަނަޅާފައިވާ އިޒްރޭލު ސިފައިން ދިން ހަމަލާގައި ހާމަނާއީ އަވަހާރަވުމާ ގުޅިގެން، ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކުގައި އިސްލާމީ ޖުމްހޫރިއްޔާއަށް ތާއީދުކޮށް އެންމެން އެކުގައި ތެދުވުމަށް ގޮވާލާ ބެނާތައް ވަނީ ހަރުކޮށްފައެވެ. ހޮނިހިރު ދުވަހުން ފެށިގެން ތެހެރާނުގެ މަގުތަކަށް އެތައް މިލިއަން ބަޔަކު އެއްވެފައިވާއިރު ކަމާއި ގުޅޭ އިދާރާތަކުން ވަނީ މިއީ އެ ގައުމުގެ ތާރީހުގައިވެސް ބާއްވާ އެންމެ ބޮޑު ޖަނާޒާގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މިއީ 1989 ވަނަ އަހަރު އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހުމައިނީގެ މަތިން ހަނދާން އާކޮށްދޭ ފަދަ ބޮޑު އެއްވުމަކަށް ވެގެންދާނެކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހާމަނާއީ އާއި އާއިލާގެ ބޭފުޅުންގެ ސަންދޯއްތައް ބަހައްޓާފައިވާ ތަން

އީރާނުގެ ދިދަ ބޭނުންކޮށްގެން ނިވާކުރެވިފައިވާ ހާމަނާއީގެ ސަންދޯއް މިހާރު ބަހައްޓާފައިވަނީ ތެހެރާނުގެ ގްރޭންޑް މުސައްލާގައެވެ. އެމަނިކުފާނުގެ ސަންދޯކުގެ އަރިހުގައި، މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އިޒްރޭލުން ދިން ވައިގެ ހަމަލާގައި އަވަހާރަވި އެމަނިކުފާނުގެ އާއިލާގެ މެންބަރުންގެ ސަންދޯއްތައްވެސް ވަނީ ބަހައްޓާފައެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ދޮށީ ދަރިކަނބަލުންނާއި، ދަނބިދަރިކަލުންނާއި، 14 މަހުގެ ކާފަ ދަރިކަނބަލެއްގެ އިތުރުން އީރާނުގެ އާ ސުޕްރީމް ލީޑަރު އާޔަތުﷲ މުޖްތަބާ ހާމަނާއީގެ އަނބިކަނބަލުން ހިމެނެއެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އާއި، ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްގެ އިތުރުން ހާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަނީ ސަންދޯއްތަކަށް ޒިޔާރަތްކުރައްވައި އިހުތިރާމް އަދާކުރައްވާފައެވެ.

ހަމަނާއީ އަވަހާރަވުމާ ގުޅިގެން އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް މިހާރު އައްޔަންކުރައްވާފައިވަނީ އެމަނިކުފާނުގެ ދަރިކަލުން، އާޔަތުﷲ މުޖްތަބާ ހާމަނާއީއެވެ. މި ޖަނާޒާގެ ތައްޔާރީތަކުގެ ތެރެއިން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްގެ ނުފޫޒުގަދަ ޖެނެރަލް އަހުމަދު ވަހީދީ ވަނީ ގިނަ މަސްތަކަކަށްފަހު ފުރަތަމަ ފަހަރަށް އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގެންފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ލީޑަރުގެ ލެއިން ގައުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށާއި އީރާނުން ދުޝްމަނުންގެ ކުރިމަތީގައި ކަކޫ ނުޖަހާނެއެވެ.

ހާމަނާއީ އަށް ފަހުގެ އިހްތިރާމް އަދާކުރުމަށް މީހުން އެއްވެފައި

އީރާނުގެ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ޖަނާޒާގެ ހަރަކާތްތައް ގިނަ ދުވަސްތަކަކަށް ދެމިގެންދާނެއެވެ. އަދި ހާމަނާއީގެ ހަށިކޮޅު އީރާނުގެ އެކި ސިޓީތަކުގެ އިތުރުން އަވަށްޓެރި އިރާގުގެ ބައެއް ސިޓީތަކަށްވެސް ގެންދިއުމަށް ވަނީ ރޭވިފައެވެ. ބުދަ ދުވަހު ހާމަނާއީގެ ހަށިކޮޅު އިރާގަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު އެ ގައުމުގެ ނަޖަފްގައިވާ އިމާމް އަލީގެ މަގުބަރާ އާއި ކަރުބަލާގައި ހާއްސަ ހިނގާލުންތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ހަރަކާތްތަކާ ގުޅިގެން ވެރިރަށް ތެހެރާނުގެ ބައެއް މަގުތަކާއި، ވައިގެ ސަރަހައްދު ބަންދުކުރުމަށް ވަނީ ނިންމާފައެވެ. ރަސްމީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުން، އާންމުންނަށް ހަށިކޮޅު ފެންނާނެހެން ބާއްވާފައިވާއިރު ހާމަނާއީ އަށް ފަހުގެ އިހްތިރާމް އަދާކުރުމަށް ކޮންމެ މީހަކަށްވެސް 15 އާއި 20 މިނެޓާ ދެމިގެންދާ ވަގުތުކޮޅެއް ތަނުގެ ތެރޭގައި ހޭދަކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

ބުރާސްފަތި ދުވަހުޖަނާޒާގެ ހުރިހާ ހަރަކާތްތަކެއް ނިންމާލުން އޮންނާނީ ހާމަނާއީގެ އުފަން ރަށް ކަމަށްވާ މަޝްހަދުގައެވެ. އޭނާ ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އީރާނުގެ އެންމެ މުހިންމު އަދި ޝީއީންގެ އެންމެ މުގައްދަސް އެއް ބިނާ ކަމަށްވާ އިމާމް ރިޒާގެ މަގުބަރާގައެވެ. މީގެ އިތުރުން، ކުރިއަށް އޮތް 40 ދުވަހު އީރާނުގެ އެކި ކަންކޮޅުތަކުގައި ތައުޒިޔާ ކިއުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހާމަނާއީ، ފަސްދާނުލީތާ އެއް އަހަރު ފުރެންދެން ހަނދާނީ ޖަލްސާތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.