ރާއްޖެއަށް އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމުން، ރާއްޖެއަށް އައީ ލަގެޖެއް ނުލައި ކަމަށް ކޯޓުގައި ބުނެފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ އަންހެނެއް ކަމަށްވާ އެލީސް މައިކަލް ބަރަމްހޭންއެވެ.

ފުލުހުން ކޯޓުގައި ހާމަކުރި ގޮތުގައި، މަސްތުވާތަކެތި ފެނުނު ލަގެޖު ފޮށި އޮތީ އެއާޕޯޓުގެ ލަގެޖް ބެލްޓް މަތީގައި ދޫކޮށްލާފައެވެ. އެ ފޮށީގައި އެލީސްގެ ނަމާއި އޭނާގެ ބައެއް އަމިއްލަ މައުލޫމާތުތައް ހުރިއިރު، އޭނާ ރާއްޖެއަށް ދަތުރުކުރީ ވެސް އެ ލަގެޖު އައި ފްލައިޓުން ކަމަށް ފުލުހުން ބުނެއެވެ.

އެލީސްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ބަޔާންތަކާއި ތަހުގީގީ ފޯމުތައް ހިމެނެއެވެ.

މި ތުހުމަތުތަކާ ގުޅިގެން ކޯޓުގައި ދިފާއުގައި ވާހަކަދައްކަމުން އެލީސް ބުނީ އޭނާ ރާއްޖެއަށް އައީ އެއްވެސް ލަގެޖެއް ނުލައި ހުސްއަތާ ކަމަށެވެ.