އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސްކަމުގެ މަގާމަށް މުހައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގައި މިއަދު ނެގުނު ވޯޓުގައި ޝަކީލް އަށް ރުހުން ދިނުމަށް ފެންނަ ކަމަށް 51 މެންބަރުން ވޯޓު ދެއްވާފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 8 މެންބަރުންނެވެ. މިހާރު މަޖިލީހުގައި މެންބަރުން ތިބި އަދަދަށް ބަލާލާއިރު، މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ރުހުން ދިނުމަށް ފާސްކުރުމަށް ބޭނުންވަނީ 30 މެންބަރުންގެ ވޯޓެވެ.
އީސީގެ ރައީސްކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޒާހިދު ކޮމިޝަނުގެ މެންބަރުކަމުންނާ، ރައީސްކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ޝަކީލް އީސީގެ މެންބަރުކަމަށް ރައީސް އައްޔަންކުރެއްވީ މި ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
