މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުގެ ދަށުން، ފިޒިކަލް މަސައްކަތްތައް އެންމެ ފުރަތަމަ ފަށާނީ މާލޭގެ މައި މަގުތަކުގައި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމަށް ކުރިއަށްދާ ސާވޭތަކުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ. އެގޮތުން އެންމެ އިސްކަމެއް ދީގެން ހަދާނީ މާލޭގެ އެންމެ ބޮޑު މަގު ކަމަށްވާ މަޖީދީމަގާއި، ކަނބާއައިސާރާނީ ހިނގުމުގެ އިތުރުން ވިލިމާލޭގެ ހޮސްޕިޓަލަށްދާން ބޭނުންވާ މަގުތައް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ ސަރުކާރުން ހަމަޖައްސަވައިދެއްވި ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއަދުގެ ޒިޔާރަތުގައި މިނިސްޓަރުގެ އަރިހުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވި ގޮތުގައި، މާލޭގެ މަގުތައް ހެދުމުގައި ޗައިނާގެ ފަންނީ އެހީތެރިކަން ހޯދީ، މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ އަދި ސައިންޓިފިކް ހައްލެއް ހޯދުމުގެ މަޤްޞަދުގައެވެ. މިގޮތުން، އައިޖީއެމްއެޗް ސަރަހައްދާއި ޝަހީދުއަލީ ހިނގުން ފަދަ، ފެންބޮޑުވުމުގެ ތަކުލީފު އެންމެ ބޮޑު ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، މިއީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިންމު މަޝްރޫއެއްކަން ފާހަގަކުރައްވައި، މިހާރު ކުރިއަށްދަނީ މަޝްރޫއުގެ ތަފްސީލީ ޑިޒައިންތައް ނިންމުމުގެ މަރުހަލާ ކަމަށް ވިދާޅުވިއެވެ.
