ސިނގިރޭޓާއި ދުންފަތުގެ ބައެއް ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމެވެ. މިދިޔަ ހަފްތާގައި ހުށަހެޅި މި ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މިދިޔަ ބުދަ ދުވަހުއެވެ. މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި 30 އެއްހައި މިނެޓުގެ ތެރޭގައި ބިލުގެ މަސައްކަތް ނިންމާލާފައިވަނީ ސަރުކާރުން ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.

މި އިސްލާހުގައިވާ ގޮތުން، މިހާރު ސިނގިރޭޓަކުން ނަގަމުންދާ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަވާނެއެވެ. ސިނގިރޭޓުގެ އިތުރުން، ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތަކުން ނަގާ ޑިއުޓީ ވެސް 8 ރުފިޔާއިން 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހިމަނާފައެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް އެހީތެރިވެދޭ ބާވަތްތައް ކަމަށްވާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން ނަގާ ޑިއުޓީ މައާފްކުރުމަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

ކޮމިޓީ މަރުހަލާގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވީ ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސްކުރުމަށެވެ. މި ހުށަހެޅުމަށް ކޮމިޓީގައި ބައިވެރިވި 69 މެންބަރުންގެ އިއްތިފާގުން ވަނީ ތާއީދުކޮށްފައެވެ. މީގެ ތެރޭގައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ވެސް ހިމެނެއެވެ. ނަމަވެސް، އެމްޑީޕީގެ ތިން މެންބަރުން ކަމަށްވާ މީކާއިލް އަހްމަދު ނަސީމް، މައުރޫފް ޒާކިރު އަދި ހުސައިން ސަމީރު މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ސަރުކާރުން ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލާއެކު ދައުލަތަށް ލިބޭ އާމްދަނީއަށް އަސަރުކުރާނެއެވެ. އެގޮތުން ޖުލައި 1 އިން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފަށައިފިނަމަ، މިއަހަރުގެ ބަޖެޓުގައި އަންދާޒާކުރި އާމްދަނީއަށްވުރެ 21 މިލިޔަން ރުފިޔާ މަދުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ފާސްކޮށްފައިވާއިރު، މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ.