އަތޮޅުތަކުގެ ރައްޔިތުން މާލެއަށް ހިޖުރަކުރަނީ އެއްވެސް ގާނޫނަކުން މަޖުބޫރުކޮށްގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން ޝަރީފް ވިދާޅުވީ މާލެއަށް ހިޖުރަކުރަނީ ރަށްރަށުން އަސާސީ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ނުލިބޭތީ ދިރިއުޅުމުގެ ފަސޭހައަށްޓަކައި ކަމަށެވެ. ނަމަވެސް އެއް ރަށަކުން އަނެއް ރަށަކަށް ރަށްވެހިކަން ބަދަލުކުރުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޝަރީފް ފާހަގަކުރެއްވީ އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މި ބިލަކީ އެއްވެސް މާނައެއް، އަސްލެއް ނުވަތަ ބޭނުމެއް ފެންނަން އޮތް ބިލެއް ނޫން ކަމަށެވެ. އަދި އިދިކޮޅުން އަބަދުވެސް އުސޫލުތަކާއި ހަމަތައް ބަދަލުކުރުމުގެ ވާހަކަ ދައްކާއިރު، ހަގީގަތުގައި ބަދަލުކުރަން މިއުޅެނީ ކޮން އެއްޗެއްކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އިދިކޮޅު އެމްޑީޕީން ގައުމަށް ގެންނަން އުޅޭ އެއްވެސް ބަދަލެއް މިއަދު ރައްޔިތުން ބޭނުން ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަބަދު މިދައްކަނީ އިދިކޮޅު ފަރާތްތަކުން މިގެންނަން އުސޫލުތައް ހަމަތައް ބަދަލު ކުރަން އުޅޭ ވާހަކަ، އަޅުގަނޑުމެނަކަށް ނޭނގެ މިކޯއްޗެއް ކަމެއް މިބަދަލު ކުރަން މިއުޅޭނީކީ،" މެންބަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރީތި އަހުލާގާއި އުސޫލުތައް ފުނޑާލުމަށްފަހު އިދިކޮޅުން ގެންނަން އުޅޭ ބަދަލުތަކަކީ ރައްޔިތުންގެ ލާބައަށް ކުރާ ކަމެއް ނޫން ކަމަށާއި، އެއީ އަމިއްލަ އެދުމުން ފުރިގެންވާ ކަންތައްތަކެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވިއެވެ. މީގެ ކުރިން ޑިމޮކްރަސީގެ ނަމުގައި ގެނައި ބަދަލުތަކުގެ ހިތި ނަތީޖާ ރައްޔިތުން ތަޖުރިބާކޮށްފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ. ޝަރީފް އިތުރަށް ވިދާޅުވީ، ބޭރުން ގެނައި ޑިމޮކްރަސީއެއްގެ ސަބަބުން ރާއްޖޭގައި ކުރިން އޮތް އެކަކު އަނެކަކަށް ކުރާ އިހުތިރާމާ، ކުލުނާ، ލޯތްބެއް މިހާރު މުޖުތަމައުން ފެންނަން ނެތް ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، އެތައް ޒަމާނެއްވީ ބޮޑު ގާނޫނަކަށް ކުއްލިއަކަށް ބަދަލެއް ގެނައުމުގެ ކުރިން އޭގެ ނަތީޖާއާއި ރައްޔިތުންނަށް ކުރާނެ ފައިދާއަށް ފުންކޮށް ވިސްނަންޖެހޭނެ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އިސްލާހަކީ އެއްވެސް ބޭނުމެއް އޮތް ބިލެއް ނޫންކަން ޝަރީފް ފާހަގަކުރެއްވިއެވެ.