ތަފާތު ސިޔާސީ ޕާޓީތަކުން އިންތިހާބުތަކުގައި ވާދަކުރެއްވި ނަމަވެސް، މަގާމަށް އިންތިހާބުވެވަޑައިގަންނަވާ ހިސާބުން ފެށިގެން ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި އިހްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސްކުރެއްވީ، ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގެ ދެވަނަ އެޕިސޯޑްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
މި ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިންތިހާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކުރައްވައި، އިދިކޮޅު ފަރާތްތަކުން މަގާމުތަކަށް ހޮވިވަޑައިގަންނަވާ ހިސާބުން އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ މަންޒަރު ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރުމަށްޓަކައި މަގުތައް ބަންދުކުރުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ގައުމުގެ ކަންކަން ރަނގަޅު މަގަކަށް ދާނީ މިހާރު ފެންނަމުންދާ އެ ސަގާފަތް ބަދަލުވެގެން ކަމަށެވެ. މިކަމުގައި އޮތް އެންމެ މުހިންމު ކަމަކީ ހުރިހާ ފަރާތްތަކަކުންވެސް އިހްލާސްތެރިވުން ކަމަށާއި، ގައުމަށް ބޭނުންވާ ހަގީގީ ބަދަލު ފެނިގެންދާނީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުންވެސް އިޚްލާސްތެރިކަން އިސްކުރުމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"ނޭޝަން ޗެޓް" އަކީ ރައްޔިތުންނާ ގާތުން މުހިންމު މައުލޫއުތަކަށް މަޝްވަރާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފެއްޓެވި ޕޮޑްކާސްޓެކެވެ.
