ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރޭގައި ހިމެނޭ މަދަރުސާތަކަކީ ފިނިކުރެވިފައިވާ ތަންތަނަށް ހެދުމުގެ އެއްވެސް ވިސްނުމެއް މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅެފައި ނުވާކަމަށް ތައުލީމާ ބެހޭ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ސްކޫލްތައް އޭސީ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފަށާފައިވާ "ކޫލް ސްކޫލް" މަޝްރޫއަކީ ރާއްޖޭގެ ތައުލީމީ ތާރީހުގައިވެސް މިފަދަ ފުރަތަމަ މަޝްރޫއު ކަމަށެވެ. މި މަޝްރޫއަކީ ހޫނުގަދަވުމުގެ ސަބަބުން ދަރިވަރުންގެ އުނގެނުމަށް ކުރާ ނޭދެވޭ އަސަރުތައް ނައްތާލުމަށް ފެށި މަސައްކަތެކެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހުމާނު، ސ. އަތޮޅު މަދަރުސާގެ ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފާހަގަކުރެއްވީ، ރާއްޖޭގެ ގިނަ ސްކޫލްތަކަކީ ވަރަށް ދުވަސްވީ ބިނާތަކެއް ކަމަށާއި، އެ ތަންތަނުގެ ކަރަންޓު ވިއުގަ ހުރީ އޭސީ ފަދަ ވަސީލަތްތައް ބޭނުންކުރެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. ގިނަ ސްކޫލްތަކުގައި ހުރި ސިންގަލް ފޭސް ކަރަންޓު، ތުރީ ފޭސްއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ތަފްސީލް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ 52 ސްކޫލެއްގައި އޭސީ ހަރުކުރުމުގެ އަމަލީ މަސައްކަތް ހިނގަމުންދާކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލަކަށް ބޭނުންވާ އޭސީ ޔުނިޓްތައް މިހާރު ފޮނުވައި ނިމިފައިވާކަމަށެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މުޅި މަޝްރޫއަށް ގާތްގަނޑަކަށް 54 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރު މަހަށް ކްލާސްރޫމްތައް އޭސީކޮށް ނިންމުމެވެ. އަދި އަންނަ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތަކުގެ އިތުރުން ހޯލްތައްވެސް އޭސީކޮށް، މުޅި މަޝްރޫއު އެއްކޮށް ނިންމާލެވޭނެއެވެ. މި މަސައްކަތް ކުރިއަށްދަނީ ރައީސް ޑރ. މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން، ދަރިވަރުންނަށް އުނގެނުމަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމުގެ މަގްސަދުގައެވެ.
