ކަނޑުމަގުން ރާއްޖެ އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދިން ގޮތުގައި، މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، ޖޫން މަހުގެ 17 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށް ރާއްޖެ އެތެރެކޮށްފައިވާ ޝިޕްމަންޓެއް ކަމަށް ވެއެވެ. އެ ޝިޕްމަންޓް ބަލައި ފާސްކުރުމުގެ ތެރޭގައި، މުދަލުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 5،600 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ގަވާއިދާ ހިލާފަށް މި ތަކެތި އެތެރެކުރި މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް އަތުލައިގަންފައި ވެއެވެ. އެފަހަރު ވޭޕްތައް ފެނިފައިވަނީ ޗިޕްސް ދަޅުތަކެއްގެ ތެރެއިންނެވެ. އޮޕަރޭޝަނުގައި ޖުމްލަ 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެ، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އާންމު ސިއްހަތު ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އެގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު، 15 ޑިސެމްބަރު 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން ވަނީ މުޅިން މަނާކޮށްފައެވެ. މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ރާއްޖޭގައި ވޭޕްގެ ބާވަތެއް ވިއްކައި ނުވަތަ ހިލޭ ބަހައިފިނަމަ 20,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރާއިރު، ވޭޕް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. ހާއްސަކޮށް، ކުޑަކުއްޖަކަށް ވޭޕް ވިއްކައިފި ނަމަ ނުވަތަ ހިލޭ ދީފި ނަމަ، އާންމު ޖޫރިމަނާގެ އިތުރުން 50,000 ރުފިޔާއިން އެ ފަރާތެއް ޖޫރިމަނާ ކުރާނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެއެވެ.
