ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތައް ހިންގާއިރު ތިމާވެއްޓަށް ގެއްލުންވާ ގޮތަށް މަޝްރޫއުތައް ހިންގާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންވާރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެންވާރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނެފައިވަނީ ހުއްދަ ދީގެން މާލެ އަތޮޅުގައި ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫއުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ޝަކުވާތައް އެ އޮތޯރިޓީއަށް ލިބެމުންދާކަމަށެވެ.

އެގޮތުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއްނެތި މަސައްކަތް ކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުގައިވެސް މަސައްކަތް ކުރަމުންދިއުން ފަދަ ކަންކަން ހިމެނޭކަމަށް އެ އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

އެންވާރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނީ މިފަދަ ޝަކުވާތަކާ ގުޅިގެން މިހާރު މިދަނީ އެކަންކަން ބަލާ މަޝްރޫއުތައް މޮނިޓާ ކުރަމުން ކަމަށާއި، ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެއް ކަމުން ފަރުތައް ހިމާޔަތް ކުރުމަށް ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ މަޝްރޫތައް ހުއްޓާލުމަށް ދޭތެރެ ދޭތެރެއިން އަންގައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1" ގައެވެ.