ޔޫއޭއީ އާއި ގަތަރަށް ރާއްޖެއިން ކަނޑައަޅާ ސަފީރުންގެ ގޮތުގައި ކުރީގެ ދެ ވަޒީރުން ކަމަށްވާ ތޯރިގް އިބްރާހީމާއި އާދަމް ޝަރީފް އުމަރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ކޮމިޓީގެ ނިންމުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި، މި ދެ ބޭފުޅުން ސަފީރުކަމަށް އައްޔަން ކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ. މި ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުން ނިންމީ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، އެ ދެ ބޭފުޅުންނަކީވެސް އެ މަގާމަށް ގާބިލު ބޭފުޅުން ކަމަށް ނިންމައި މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ރިއާޔަތްކުރުމަށްފަހުއެވެ.

ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާހަގަކުރި ގޮތުގައި، ތޯރިގް އިބްރާހީމާއި އާދަމް ޝަރީފް އުމަރަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު އެ މަގާމަށް އެކަށީގެންވާ ގާބިލު ދެ ބޭފުޅުންނެވެ. އެހެންކަމުން، ކޮމިޓީން ނިންމީ އިތުރު އިންޓަވިއުއަކާ ނުލައި އެ ދެ ބޭފުޅުންނަށް ރުހުން ދިނުމަށެވެ.

ތޯރިގް އިބްރާހީމަކީ މި ސަރުކާރުގެ އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ގަތަރުގެ ސަފީރުކަމަށް ކަނޑައެޅި އާދަމް ޝަރީފް އުމަރަކީ މި ސަރުކާރުގެ ލޯކަލް ގަވަމަންޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ވޯޓަށްފަހު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ، މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް މަޖިލީހުން ނިންމިކަން ރަސްމީކޮށް އިއުލާން ކުރައްވާފައެވެ.