ރާއްޖޭގެ ޑިޖިޓަލް އިގްތިސާދަށް އާ ދިރުމެއް ގެނެސްދީ، ބައިނަލްއަގުވާމީ މާލީ މުއާމަލާތްތަކަށް ހުރި ހުރަސްތައް ނައްތާލުމަށް ސަރުކާރުން ކުރަމުންދިޔަ މަސައްކަތުގެ ދަށުން، އުރީދޫ އެމްފައިސާ މެދުވެރިކޮށް ޕޭޕަލްގެ ހިދުމަތް މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ބާސެލޯ ނަސަންދުރާގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރާއްޖެއަށް ތައާރަފުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ތާރީހީ މުނާސަބަތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އާމިރް ވަލިއާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ހާމަކުރި ގޮތުގައި، މިއީ ރައީސް ޑރ. މުއިއްޒު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވައުދެއް ފުއްދަވައިދެއްވުމެވެ. އަދި މިއީ ދިވެހި އުފެއްދުންތެރިންނާއި، ފްރީލާންސް މަސައްކަތްތެރިންގެ އިތުރުން ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ބާޒާރުން ފުރުސަތުތައް ހޯދައިދިނުމަށް އެޅުނު ވަރުގަދަ ފާލަމެކެވެ.
މިއަދު މި ފެށުނު ހިދުމަތާއެކު، ދިވެހި ޒުވާން އުފެއްދުންތެރިންނަށް އެމީހުންގެ ހުނަރު ބޭރުގެ މާކެޓްތަކަށް ވިއްކައިގެން، ފަސޭހަކަމާއެކު ރާއްޖެއަށް ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ. މި ހިދުމަތް ރާއްޖެއަށް ގެނައުމަށްޓަކައި ސަރުކާރުން ވަނީ ނިޒާމީ ގޮތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޖޫން 2024 ގައި ޕޭޕަލްގެ ސީއީއޯއަށް ފޮނުއްވި ސިޓީއަކާއެކު މި ދަތުރު ފެށިގެން ދިޔައިރު، އެމެރިކާގެ ޑިޕްލޮމެޓިކް އެހީތެރިކަމާއެކު މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިސްކޮށް ހުންނަވައިގެން ކުރެއްވި މި މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ކަނޑައެޅީ އުރީދޫ މޯލްޑިވްސްއެވެ.
ނިޒާމީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) މިންގަނޑުތަކަށް އުރީދޫގެ ސިސްޓަމްތައް ފެއްތުމަށްފަހު، މިދިޔަ އަހަރުގެ ފަހުކޮޅު އެމްއެމްއޭއިން ވަނީ އެ ކުންފުންޏަށް ބޭރުން ފައިސާ ފޮނުވުމާއި ލިބިގަތުމުގެ ހުއްދަ ދީފައެވެ.
މިއީ ރާއްޖޭގެ ކްރިއޭޓިވް އިގްތިސާދު ކުރިއެރުވުމަށް އެޅުނު ތާރީހީ ފިޔަވަޅެއްގެ ގޮތުގައި އުރީދޫން ސިފަކުރެއެވެ.
