މާލޭގެ މަގުތަކަށް ގަވާއިދާ ހިލާފަށް ކުނި ނެރޭ މައްސަލަ ބޮޑުވެފައިވަނިކޮށް، މަގުމައްޗަށް ބާ ފްރިޖަކާއި މެޝިނެއް ނެރުނު ބަޔަކު ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި ބަހައްޓާފައި ވަނީ ޝަބްނަމް މަގު، މުތީ ގޯޅި ކަންމަތީގައެވެ. މިގޮތަށް މަގުމައްޗަށް ކުނި ބެހެއްޓި ފަރާތް ދެނެގަނެ، އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ކުނިއަޅާ ފަރާތްތައް ހޯދައި ދެނެގަތުމުގެ މަސައްކަތް ކައުންސިލުން މިހާރު ވަނީ ކުރިއަށްވުރެ ހަރުދަނާކޮށްފައެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި، މާލެ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވެއެވެ. އަދި މަގުތަކަށް ކުނި ޖަމާކުރާ ފަރާތްތަކާމެދު އެއްވެސް ފަސްޖެހުމެއް ނެތި ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓީ ސާފުކޮށް ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު، ވިލިމާލޭގެ އެކި ސަރަހައްދުތަކަށް ޖަމާކޮށްފައި ހުރި ކުނިތައް ނަގާ ސާފުކުރުމުގެ އިތުރުން، މާފަންނު ޕޮލިސް ސްޓޭޝަނުން ފެށިގެން ޕޯޓް ބިލްޑިންއާ ހަމައަށް ހުރި ކުނިތައްވެސް ވަނީ ސާފުކޮށްފައެވެ. މީގެ އިތުރުން، ބާޒާރުމަތީ ވަދުފޮށި ކަންމަތި އަދި ޒައިތުއްމާ ކުރިމަތި ޕޭވްމަންޓް މަތީ މުދާ ބަހައްޓައިގެން ވިއްކާ ފަރާތްތައް ހުއްޓުވައި، އާބުރުޒު މަގާއި ފުއްކަފަ ގޯޅި ކަންމަތިންވެސް ވަނީ ކުނި ނަގާފައެވެ.

މާލޭގެ މަގުތަކާއި ހުސް ބިންތަކަށް ކުނިއެޅުމަކީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. މި ގާނޫނުގެ ދަށުން ގަވާއިދާ ހިލާފަށް ކުނި ބަހައްޓާ ކޮންމެ މީހަކު 500 ރުފިޔާއިން ޖޫރިމަނާކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މިކަން މޮނިޓާ ކުރުމަށްޓަކައި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 70 އަށްވުރެ ގިނަ މުވައްޒަފުން މާލެ 8 ޒޯނަކަށް ބަހާލައިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި މޭ މަހުގެ ތެރޭގައި އެކަނިވެސް މަގުތަކަށް ކުނިއެޅުމުގެ 300 އަށްވުރެ ގިނަ މައްސަލަ ބަލާފައިވާއިރު، 100 އަށްވުރެ ގިނަ މީހުން ވަނީ ޖޫރިމަނާކޮށްފައެވެ.

ކައުންސިލުން އިލްތިމާސް ކުރަނީ، މަގުމައްޗަށް ކުނި ނެރުމުގެ ބަދަލުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ވެމްކޯ މެދުވެރިކޮށް ކުނި ނައްތާލުމަށެވެ. މަގުމައްޗަށް ކުނި އެޅުމަކީ އާންމު ސިއްހަތަށް ނުރައްކާވެ، ބަލިމަޑުކަން ފެތުރުމަށް މަގުފަހިވާ ކަމަކަށް ވާތީ، މިކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެންވެސް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.