މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވެ، 1.8 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު މި ދެ ފީން ދައުލަތަށް ލިބިފައިވަނީ 1.5 ބިލިއަން ރުފިޔާއެވެ. އަދި މި އަހަރު ފުރަތަމަ ފަސ ދުވަހު ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް ވަނީ 1.8 ބިލިޔަން ރުފިޔާ ލިބިފައެވެ.
ވަކިވަކި ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު ޑިޕާޗާ ޓެކްސް އިނ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު 563 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 435 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން މި މުއްދަތުގައި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 928 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 769 މިލިއަން ރުފިޔާއާ އަޅާބަލާއިރު 21 އިންސައްތަ އިތުރު އަދަދެކެވެ.
ޖަނަވަރީ 1، 2022 އިން ފެށިގެން ނަގަން ފެށި މި ޓެކުހާއި ފީއަކީ ރާއްޖޭގެ އެއާޕޯޓުތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ ފީއެކެވެ. ނަމަވެސް، ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ނުފުރޭ ކުޑަކުދިން މި ފީތަކުން އިސްތިސްނާވެއެވެ.
