މިހާރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުގެ ގްރޫޕް ޑީގައި އޮސްޓްރޭލިޔާ އަދި ތުރުކީ ވާދަކުރި މެޗު 2-0 އިން އޮސްޓްރޭލިޔާ ކާމިޔާބުކޮށްފިއެވެ. މިމޮޅާއެކު އޮސްޓްރޭލިޔާ މިވަނީ ގްރޫޕް ޑީގެ ތާވަލުގެ ދެވަނައަށް އަރާފައެވެ.
މިއަދު ރާއްޖޭ ގަޑިން ހެނދުނު 9 ޖެހި އިރު ފެށި މިމެޗު މުޅިންހެން ކޮންޓްރޯލްކޮށްގެން ކުޅެމުން ދިޔައީ ތުރުކީންނެވެ. އަދި މެޗުގައި ގިނަ ފުރުސަތުތައް ހޯދާ ލަނޑު ޖަހާނެ ނުރައްކާތެރި ހަމަލާތައް ވެސް އުފެއްދީ ތުރުކީންނެވެ.
މިގޮތުން ޖުމްލަ 30 ޝޮޓް ތުރުކީން އޮސްޓްރޭލިއާގެ ގޯލަށް ފޮނުވާލި އިރު މީގެ ތެރެއިން 8 ޝޮޓަކީ ސީދާ ގޯލަށް އަމާޒުވި ދެ ހަމަލާއެެވެ. ބަދަލުގައި އޮސްޓްރޭލިޔާއިން މުޅި މެޗުގައި ވެސް ތުރުކީގެ ގޯލަށް ފޮނުވާލީ 9 ޝޮޓެވެ. އަދި އަމާޒަށް ވާސިލްވީ މީގެ ތެރެއިން 4 ޝޮޓެވެ. އޮސްޓްރޭލިއާއަށް ތިން ޕޮއިންޓް ކަށަވަރުކޮށް ދިނީ މީގެ ތެރެއިން ތުރުކީގެ ގޯލު ފޫއަޅުވާލި ދެ ޝޮޓެވެ.
އޮސްޓްރޭލިޔާގެ ދެލަނޑު ވެސް ޖެހީ މެޗުގެ ކުޅުމުގެ އޮއިވަރާ ދެކޮޅަށެވެ. އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 27 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އުމުރުން އެންމެ 20 އަހަރުގެ ނެސްޓްރޯއީ އިރަންކުންޑާއެވެ.
މެޗުގެ ފުރަތަމަ ހާފް އޮސްޓްރޭލިޔާ ކުރީގައި އޮވެގެން ނިންމާލި އިރު ދެވަނަ ހާފްގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ތުރުކީންނެވެ. އެހެން ނަމަވެސް މެޗުގައި ދެން ވެސް ލަނޑު ޖެހީ އޮސްޓްރޭލިޔާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ކޯނާ މެޓްކާފެވެ. މިއީ ގައުމީ ޓީމަށް އޭނާ ޖަހާ ދިން ދެވަނަ ލަނޑެވެ.
މެޗުގެ ބާކީ އޮތް ބައިގައި ތުރުކީއިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ފަހި ކުރި ނަމަވެސް ގައުމީ ޓީމަށް އަލަށް ކުޅެން އެރި އޮސްޓްރޭލިޔާގެ ކީޕަރު ޕެޓްރިކް ބީޗް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން އޭނާ ވަނީ މެޗުގައި މުހިއްމު 8 ސޭވެއްކޮށްފައެވެ.
މި ނަތީޖާއާއެކު ގްރޫޕް ޑީގެ ދެވަނައަށް އޮސްޓްރޭލިޔާ އަރާފައިވާ އިރު އެއްވަނައިގައި އޮތީ ގްރޫޕްގެ ފުރަތަމަ މެޗު ޕެރަގުއޭއާ ކުޅެ 1-4 އިން ކާމިޔާބުކުރި އެމެރިކާއެވެ.
