އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
މިއަދު މެންދުރުފަހު 2:30އިން ފެށިގެން ރޭގަނޑު 08:30އާ ހަމައަށް ވޯޓުލުން ކުރިއަށްދާ މި އިންތިހާބު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާނެއެވެ. މީގެ އިތުރުން ސްރީ ލަންކާގައި ދިރިއުޅޭ އެ ޕާޓީގެ މެމްބަރުންނަށް ވޯޓުލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
ޖުމްލަ 241 ވޯޓްފޮށި ބަހައްޓާ މި އިންތިހާބުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވޯޓްފޮށިތައް ހުންނާނީ ސްކޫލްތަކުގައެވެ. މާލޭގައި 10 ސްކޫލެއްގައި ވޯޓްފޮށި ހުންނާނެ އެވެ.
މިއަދު ބާއްވާ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް އެވެ. ދެ ބޭފުޅުން ވެސް ވަނީ އިންތިހާބުގެ ކެމްޕޭން ވަރަށް ފޯރިއާ އެކު މުޅި ރާއްޖޭގައި ކުރައްވައިފަ އެވެ.
މިއީ އެ ޕާޓީގެ ޗެއާޕާސަންކަމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށް ބޭފުޅަކު ހޯދުމަށް ބާއްވާ އިންތިހާބެކެވެ. ފައްޔާޒްގެ އިސްތިއުފާއަށް ފަހު މިހާތަނަށް އެ މަގާމު ވަގުތީގޮތުން ފުރުއްވަމުން ގެންދެވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.
އެމްޑީޕީއަކީ މިހާރު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި 43,784 މެންބަރުން ތިބި ނަމަވެސް، ޕާޓީގެ އެތެރޭގެ ދާއިމީ ވޯޓާސް ލިސްޓުގައިވާ ގޮތުން މި އިންތިހާބުގައި ޖުމްލަ 48,912 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
