މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ވިއްސާރަ ކުރަމުންދާއިރު އެމްއެންޑީއެފް އިން ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ ގޯސްވެ، މެޓް އޮފީހުން ވަނީ މެދުރާއްޖެތެރޭގެ ބައެެއް އަތޮޅުތަކަށް ޔެލޯ އެލާޓު ނެރެފަ އެވެ. އެގޮތުން, އެންމެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވަނީ ބ. އަތޮޅާއި ވ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

މިއަދު ހަވީރު 18:00 އާއި ހަމައަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު މެޓުން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަން ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ހުޅަނގު ދެކުނާއި ހުޅަނޅަގުން ދެކުނުގެ އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފައެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހާއި އެންޑީއެމްއޭއިން ވަނީ ތަކުރާރުކޮށް ގޮވާލާފައެވެ. ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ރީނދޫ ސަމާލުގެ ވަގުތުގައި ދަތުރުނުކުރުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގައި ވެސް ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް އިލްތިމާސްކޮސްފައި ވެއެވެ.