އެމްޑީޕީގެ ޗެއާޕާސަނަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލާ ވަގުތު އިތުރުކޮށްފިއެވެ.

އެ ޕާޓީން މީގެ ކުރިން ނިންމާފައި އޮތީ މިއަދުގެ މެންދުރުފަހު 2:30އިން ފެށިގެން ރޭގަނޑު 8:00އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ވަނީ އެ ވަގުތު މިރޭގެ 8:30ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މި އިންތިހާބުގެ ވޯޓުލުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އިތުރުން، އަވަށްޓެރި ސްރީލަންކާގައި ދިރިއުޅޭ އެ ޕާޓީގެ މެންބަރުންނަށް ވޯޓުލެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ. މުޅި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރިއަށްގެންދާ މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 240 ވޯޓު ފޮށި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާއިރު، ސްރީލަންކާގެ ކޮލަމްބޯގައި އެއް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީއަކީ މިހާރު ރާއްޖޭގައި އޮތް ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި 43,784 މެންބަރުން ތިބި ނަމަވެސް، ޕާޓީގެ އެތެރޭގެ ދާއިމީ ވޯޓާސް ލިސްޓުގައިވާ ގޮތުން މި އިންތިހާބުގައި ޖުމްލަ 48,912 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

މިއީ އެ ޕާޓީގެ ޗެއާޕާސަންކަމުގައި ހުންނެވި ފައްޔާޒު އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވުމުން ހުސްވި ގޮނޑިއަށް ބޭފުޅަކު ހޯދުމަށް ބާއްވާ އިންތިހާބެކެވެ. ފައްޔާޒްގެ އިސްތިއުފާއަށް ފަހު މިހާތަނަށް އެ މަގާމު ވަގުތީގޮތުން ފުރުއްވަމުން ގެންދެވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.