ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އަށް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ދެ ބިދޭސީންނާއި ތިން ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ފަސް މީހުން ހައްޔަރުކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މި މީހުންނަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެ މީހުން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ބައެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަސް މީހުންނަކީ:
- މުހައްމަދު މުސްތާކް ޖަމާލް (29އ) - އިންޑިއާ
- ސިރަޖުދީން ރަޝިތާ (26އ) - އިންޑިއާ
- އަހްމަދު އަފްރާހް (33އ) - ފޭރުގަސްދޮށުގެ، ލ. ގަން މުކުރިމަގު
- އިލްޔާސް އަހްމަދު (42އ) - ހ. ކަހަފަތި، ކ. މާލެ
- ހަސަން ޝަމްއޫން (36އ) - ގ. ހޭޅި، ކ. މާލެ
މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިފަދަ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.
8 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި 5 މީހުން ހައްޔަރުކޮށްފައިވާ އިރު، އިއްޔެ ކަސްތަމްސް އިން ވަނީ 8 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލަިއގެންފަިއވާ ކަމަށް ބުނެފައެވެ. އެގޮތުން މި ތަކެތި އަތުލައިގެންފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި އަތުލައިގަތް ތަކެޗަކީ 8.4 ކިލޯ (8490 ގްރާމް) ގެ ހަޝިޝް އޮއިލް ކަަމށް ބުނެފައި ވެއެވެ. އެ ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
