ވައިގެ މަގުން ވެލާނާ އިންޓަނޭޝަނަލް އެއާޕޮޓޫން ރާއްޖެއަށް އެތެރެކުރަން އުޅުނު 6 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގެންފައި ވަނީ އިއްޔެގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަތުލައިގަތް ތަކެތީގެ ތަފްސީލަށް ބަލާއިރު، އެއީ 8.4 ކިލޯ (8490 ގްރާމް) ގެ ހަޝިޝް އޮއިލްއެވެ. މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މަސްތުވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ ވަރުގަދަ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި މަސްތަކުގައިވެސް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އެގޮތުން މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުވެސް ވެލާނާ އެއާޕޯޓުން ވަނީ 941 ގްރާމްގެ މެތަމްފެޓަމިން އަތުލައިގެންފައެވެ. މި ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 1.8 މިލިއަން ރުފިޔާ އަރައެވެ.
މީގެ އިތުރުން، މެއި މަހުގެ 5 ވަނަ ދުވަހުވެސް އެއާޕޯޓުން ވަނީ 7 ކިލޯއަށްވުރެ ގިނަ (7940 ގްރާމް) ކެނަބިސް ފަތް އަތުލައިގެންފައެވެ. މި ތަކެތީގެ މަގުމަތީ އަގުވެސް 6 މިލިއަން ރުފިޔާއަށް އަރައެވެ. އަދި މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު 1150 ގްރާމްގެ އެމްފެޓަމިން އަތުލައިގެންފައިވާއިރު، އޭގެ އަގު 3.3 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ ވަގުފާރި ހުއްޓުވުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، ކަސްޓަމްސްއާއި ފުލުހުން ގުޅިގެން ދަނީ ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރަމުންނެވެ. އަތުލައިގަނެވުނު މި ތަކެތި މިހާރު ވަނީ އިތުރު ތަހުގީގަށް ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައެވެ.
