އިންޑިއާގެ ތާރީހުގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު މަގާމުގައި ދެމިހުންނެވި އިންތިހާބީ ބޮޑުވަޒީރުގެ ރެކޯޑު ނަރެންދުރަ މޯދީ މިއަދު ހާސިލުކުރެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގެ މަންސަ، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ، އިންޑިއާގެ ތާރީހުގައި ވިދިވިދިގެން އެންމެ ގިނަ ދުވަހު މަގާމުގައި ދެމިހުންނެވި އިންތިހާބީ ބޮޑުވަޒީރުގެ ޝަރަފު މޯދީ ހާސިލުކުރެއްވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި އުފާވެރި މުނާސަބަތުގައި ބޮޑުވަޒީރު މޯދީއަށް ރައީސް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ބޭނުންވާ ކަމަށެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި އޮންނަ އިހުތިރާމާއި، ސިޔާދަތީ ހަމަހަމަކަމާއި، އަދި ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގެ މައްޗަށް ބިނާކޮށް، އިންޑިއާއާއެކު އޮންނަ އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖެއިން އުންމީދުކުރާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ތާރީހީ ރެކޯޑު މުގުރާލައްވާފައިވަނީ މެދުކެނޑުމެއްނެތި 4،399 ދުވަހު ބޮޑުވަޒީރުކަމުގެ މަގާމު ފުރުއްވައިގެންނެވެ. މީގެ ކުރިން މި ރެކޯޑު އޮންނަނީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫގެ އަތްޕުޅުގައެވެ. ނެހްރޫ ވަނީ އިންތިހާބީ ބޮޑުވަޒީރެއްގެ ގޮތުގައި މެދުކެނޑުމެއްނެތި 4،398 ދުވަހު އެ ގައުމުގެ ވެރިކަން ކުރައްވާފައެވެ.
ބޮޑުވަޒީރު މޯދީއަކީ 2014 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު މިހާރު ފުރައްވަމުން ގެންދަވަނީ ވިދިވިދިގެން ތިންވަނަ ދައުރެވެ. މޯދީއަށް މި ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒުގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންވެސް ގެންދަވަނީ އެމަނިކުފާނަށް މަރުހަބާގެ މެސެޖުތައް ފޮނުއްވަމުންނެވެ.
