މާލޭގެ މަގުތަކަށް ކުނި ޖަމާކޮށްފައި ހުންނަ މައްސަލައަށް ހައްލެއް ގެނެސް، މާލެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި މާލޭގެ ފުލޫނިޔާ މަގަށް ކުނި އަޅާ މީހުން ދެނެގަތުމަށް ސިޓީ ކައުންސިލުން މަސައްކަތް ފަށައިފިއެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް ގަވާއިދާ ހިލާފަށް ކުނިއަޅާ ފަރާތްތައް ހޯދައި ދެނެގަތުމުގެ މަސައްކަތް ކައުންސިލުން މިހާރު ވަނީ ހަރުދަނާކޮށްފައެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި، މާލެ ސާފުކޮށް ބޭއްވުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވެއެވެ. އަދި މަގުތަކަށް ކުނި ޖަމާކުރާ ފަރާތްތަކާމެދު އެއްވެސް ފަސްޖެހުމެއް ނެތި ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މި މަސައްކަތުގެ ތެރެއިން މިހާރު އެ ކައުންސިލްުން އަންނަނީ ފުލޫނިޔާ މަގުގައި ހުންނަ މ. ނީޑްލް ކުއީން ކަންމަތި އެ ސަރަހައްދަށް ކުނިއަޅާ މީހުން ހޯދައި ދެނެގަނެ، އެ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ސަރަހައްދަށް ކުނިއެޅުން މުޅިން ހުއްޓުވުމަށްޓަކައި ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ މުވައްޒަފުން މިހާރު އަންނަނީ އެ ސަރަހައްދުގައި ތިބެގެން ޑިއުޓީ ކުރަމުންނެވެ.

މީގެ އިތުރުން މއ. ހިތިލާގެ ގުދަން ސަރަހައްދަކީ އެ ގުދަނުގެ ވެހިކަލްތަކަށް މުދާ ބަރުކުރުމަށާއި ބޭލުމަށް ހާއްސަކޮށްފައިވާ ހުސްޖާގައެއް އޮތް ސަރަހއްދެކެވެ. ނަމަވެސް، އެ ތަނަށް ކޮންމެ ދުވަހަކުވެސް ގިނަ އަދަދަކަށް އާންމުން ކުނިއަޅާ މައްސަލައަށް ހައްލު ހޯދުމަށް ވެސް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަނީ އެ ސަރަހއްދުވެސް މޮނިޓާކުރަން ފަށާފައެވެ.

މާލޭގެ މަގުތަކާއި ހުސް ބިންތަކަށް ކުނިއެޅުމަކީ އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. މި ގާނޫނުގެ ދަށުން ކުށްވެރިވާ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވާއިރު، ގަވާއިދާ ހިލާފަށް ކުނި ބަހައްޓާ ކޮންމެ މީހަކު 500 ރުފިޔާއިން ޖޫރިމަނާކުރެއެވެ. މާލެ ސިޓީ ކައުންސިލުން އުފައްދާފައިވާ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގައި 70 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާއިރު، އެ ފަރާތްތަކުން ދަނީ މާލެ 8 ޒޯނަކަށް ބަހާލައިގެން މަގުތައް މޮނިޓާ ކުރަމުންނެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި މޭ މަހުގެ ތެރޭގައި އެކަނިވެސް މަގުތަކަށް ކުނިއެޅުމުގެ 300 އަށްވުރެ ގިނަ މައްސަލަ އެ ޔުނިޓުން ވަނީ ބަލާފައެވެ. އަދި މީގެ ކުރިންވެސް މާލޭގެ އެކި ސަރަހައްދުތަކަށް ކުނިއަޅައިގެން 100 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައި ވެއެވެ.

މަގުތަކަށް ކުނި ބެހެއްޓުމުގެ ސަބަބުން އާންމު ސިއްހަތަށާއި ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މަގުމަތީގައި ކުނި ގިނަވުމަކީ ބަލިމަޑުކަން ފެތުރުމަށް މަގުފަހިވާ ކަމަކަށް ވާއިރު، މިއީ އާންމުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އެހެންކަމުން، ސިޓީ ކައުންސިލުން ވަނީ އާންމު ރައްޔިތުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ވެމްކޯ މެދުވެރިކޮށް ކުނި ނައްތާލުމަށް އިލްތިމާސްކޮށްފައެވެ. ގަވާއިދާ ހިލާފަށް ކުނިއަޅާ ފަރާތްތައް ހުއްޓުވުމަށް ކައުންސިލުން ފުލުހުންނާ ގުޅިގެންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރުވެސް ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ މުވައްޒަފުން ދަނީ މައްސަލަ ބޮޑުވެފައިވާ ސަރަހައްދުތަކުގައި ޑިއުޓީ އަދާކުރަމުންނެވެ.