ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ހަމައެކަނި ސިޔާސަތެއް ނޫން، އެއީ ޑިމޮކްރެޓިކް ނިޒާމުގެ އަސާސެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސަރުކާރުގެ ހުރިހާ ވުޒާރާތަކަކުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތައް 100 ޕަސެންޓް ފުރިހަމަކުރުމުގެ ކާމިޔާބީއަށް އަލިއަޅުވާލާ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މިއީ ސަރުކާރުން ހާސިލުކުރި ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާ ރައީސް ވިދާޅުވީ، 2014 ވަނަ އަހަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނަށް އަމަލުކުރަން ފެށި ފަހުން، ރައީސް އޮފީހާއި ހުރިހާ ވުޒާރާތަކަކުން މި މިންގަނޑަށް މައުލޫމާތު ހާމަކުރި މިއީ ފުރަތަމަ ފަހަރުކަމަށެވެ. މީގެ ކުރިން އާންމުންނަށް ލިބުމުގައި ދަތިތަކެއް ހުރި އަދި ހާމަނުކޮށް ހުރި ގިނަ މައުލޫމާތުތަކެއް މިހާރު ވަނީ އާންމުކޮށް ފެންނާނެހެން ހާމަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ހަމައެކަނި ސިޔާސަތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ އަސާސީ ހައްގަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށާއި، ޑިމޮކްރެޓިކް ނިޒާމެއްގެ އެންމެ މުހިންމު އެއް ބަހާ ކަމަށް މި ސަރުކާރުން ގަބޫލުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ދެފުށް ފެންނަ ސަރުކާރެއް ހިންގުމަށާއި، ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރެއްވި ހުރިހާ މުއައްސަސާތަކަށާއި ދައުލަތުގެ މުވައްޒަފުންގެ އިހުލާސްތެރި މަސައްކަތަށް ރައީސް ވަނީ ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރުކާރުގެ ނިންމުންތަކުގައާއި ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މައުލޫމާތުތައް ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުއިއްޒު ވަނީ ދެއްވާފައެވެ.