އދ ގެ އިގްތިސާދީ އަދި އިޖުތިމާއީ މަޖިލިސް (އިކޮސޮކް) އަށް ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ އިންތިހާބުވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއް ކަމަށް މިނިސްޓާ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު ނިއުޔޯކުގައި ބޭއްވުނު އިންތިހާބުގައި ރާއްޖެއިން އިކޮސޮކްގެ ގޮނޑި ކާމިޔާބުކުރީ 183 ގައުމެއްގެ ބޮޑު ތާއީދަކާއެކުގައެވެ. މިއީ 1965 ވަނަ އަހަރު ރާއްޖެއިން އދ ގެ މެންބަރަކަށް ވީފަހުން، ވޭތުވެދިޔަ 60 އަހަރު ދުވަހުގެ ތެރޭގައި މި މަޖިލީހަށް ރާއްޖެ އިންތިހާބުވި ފުރަތަމަ ފަހަރެވެ.
މި ތާރީހީ ކާމިޔާބީއާ ގުޅިގެން މިނިސްޓަރުު އިރުތިޝާމް ވިދާޅުވީ، މިއީ ގައުމަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ. "މިއީ ބައިނަލްއަގްވާމީ މުޖުތަމައިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތު ބަލައިގަންނަކަމުގެ ހެއްކެއް. އަދި ރާއްޖެއަށް ކުރާ އިތުބާރު ހާމަކޮށްދޭ ކަމެއް،" މިނިސްޓަރުު ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ ދެމެހެއްޓެނިވި ތަރައްގީއަށާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަކަން ހާމަވާ ކަމެއް ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މިކާމިޔާބީ އާއި ގުޅިގެން އދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ، އިކޮސޮކަށް ރާއްޖެ އިންތިހާބުވުމަކީ ލިބުނު ޝަރަފެއްގެ އިތުރުން ބޮޑު ޒިންމާއެއް ކަމަށެވެ. އަދި ރާއްޖޭގެ ދައުރުގައި ހުރިހާ މެންބަރު ގައުމުތަކާ ގުޅިގެން، އިކޮސޮކަކީ އަމަލީ ނަތީޖާ ނެރެދޭ މަޖިލީހަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މި އިންތިހާބުގައި އޭޝިއާ ޕެސިފިކް ސަރަހައްދަށް ކަނޑައަޅާފައިވާ ތިން ގޮނޑިއަށް ރާއްޖެއާއެކު ދެން އިންތިހާބުވީ މެލޭޝިއާ އާއި ރިޕަބްލިކް އޮފް ކޮރެއާއެވެ. ރާއްޖޭގެ ދައުރު ރަސްމީކޮށް ފެށޭނީ 1 ޖެނުއަރީ 2027 ގައެވެ.
އިކޮސޮކްއަކީ އދ ގެ މައިގަނޑު ހަ ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. މި މަޖިލީހަކީ އދ ގެ ނިޒާމުގެ ތެރެއިން އިގްތިސާދީ އަދި އިޖުތިމާއީ އެކި މައްސަލަތަކުގައި ކުރެވޭ މަސައްކަތްތައް ވިލަރެސްކުރާ އެންމެ މަތީ މަޖީލީހެވެ. މީގެ އިތުރުން، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހިމެނޭހެން، ބައިނަލްއަޤްވާމީ ގޮތުން އެއްބަސްވެފައިވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވަމުންދާ މިންވަރު ބަލައި މުރާޖައާކުރުމުގައިވެސް އިކޮސޮކް އިން މުހިންމު ދައުރެއް އަދާކުރެއެވެ.
