އިނގިރޭސިވިލާތުގެ ބާޒާރަށް ނެރޭ ދިވެހި މަހުގެ އުފެއްދުންތަކުން ނަގަމުންދާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ދާއިމީކޮށް ކަނޑާލުމަށް ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާއެކު މަޝްވަރާ ކުރާނެ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މި މަޝްވަރާތަކުގައި ސަރުކާރުން ބައިވެރިވެފައިވަނީ ކުރިއަށްދެވޭނެ ހުރިހާ ގޮތްތަކެއް ވަރަށް ބޮޑަށް ދިރާސާކޮށް ބެލުމަށް ފަހުގައި ކަމަށެވެ.
ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކުން އިނގިރޭސިވިލާތަށް އެތެރެކުރާއިރު ނަގަމުން އައި 20 ޕަސެންޓް ޑިއުޓީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް މެދުކަނޑާލުމަށް އިނގިރޭސި ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. މިއީ އެ ގައުމުގެ ބާޒާރުގައި ތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ގެނައި ބަދަލެކެވެ. މި ބަދަލާ ގުޅިގެން މިނިސްޓަރު އިރުތިޝާމް ފާހަގަކުރެއްވި ގޮތުގައި، ޑިއުޓީގެ މައްސަލަ ހައްލުކުރުމަށް ރާއްޖެއިން 2014 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އައި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދެއްވާފައެވެ.
އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި އިނގިރޭސި ރަސްގެފާނާއި، އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާއި، ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި، ރާއްޖޭގެ މަހަށް ޑިއުޓީ މައާފްކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދިވެހި ސަރުކާރުން މިކަމުގައި ބަލާފައިވަނީ މިހާރުން މިހާރަށް ޑިއުޓީ ނުދައްކާވާނެ ގޮތެއް ހޯދުމުގެ އިތުރުން، ޖެނެރަލައިޒްޑް ޕްރިފަރެންޝަލް އެރޭންޖްމަންޓެއް ނުވަތަ ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭ ކޮމްޕްރިހެންސިވް އެގްރީމަންޓެއްގެ ދަށުން ޑިއުޓީ ކަނޑާލެވޭނެ ހުރިހާ ސިނާރިއޯތަކެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފޮރިން މިނިސްޓަރު އިތުރަށް ވިދާޅުވީ، މިވަގުތު ދެ އަހަރަށް ޑިއުޓީ މެދުކަނޑާލުމަށް އެއްބަސްވެވުނީ ރާއްޖެއާއި އިނގިރޭސިވިލާތުގެވެސް އިގްތިސާދީ ހާލަތާއި ގޮންޖެހުންތަކަށް ރިއާޔަތްކުރުމަށްފަހު ވަގުތީ ހައްލެއްގެ ގޮން ކަމަށެވެ. ނަމަވެސް ސަރުކާރުގެ އަސްލު އަމާޒަކީ ދިވެހި މަހަށް އެއްގޮތަކަށްވެސް ޑިއުޓީ ނުނަގާނެ ގޮތެއް ދާއިމީކޮށް ހޯދުން ކަމަށާއި، މިހާރު ލިބުނު ލުޔަކީވެސް ސަރުކާރުން ކުރެއްވި ހިކުމަތްތެރި މަޝްވަރާތަކުގެ ނަތީޖާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ ސަބަބުން ދިވެހި މަސްވެރިކަމުގެ ސިނާއަތަށާއި ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.
