އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ގެ ޕެޓްރޯލް ބޯޓު، އޮސްޓްރޭލިއާއިން ރާއްޖެއަށް އައުމަށްޓަކައި ރަސްމީކޮށް ދަތުރު ފަށައިފިއެވެ.

މި އުޅަނދު ރާއްޖެއަށް ގެނައުމަށް ކުރާ މި ދިގު ދަތުރުގައި ހަރަކާތްތެރިވަނީ މުޅިންވެސް ދިވެހި ސިފައިންނެވެ. އަދި މިއީ ދިވެހި ސިފައިންގެ އަމިއްލަ ބެލުމުގެ ދަށުން މިހާ ދިގު ކަނޑެއް ހުރަސްކޮށް ކުރާ ފުރަތަމަ ދަތުރުވެސް މެއެވެ.

އޮސްޓްރޭލިއާގެ "ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމް" ގެ ދަށުން ދިވެހިރާއްޖެއަށް ފޯރުކޮށްދިން "ގާޑިއަން ކްލާސް" ގެ ޕެޓްރޯލް ބޯޓު ރާއްޖެއާ ހަވާލުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހުއެވެ.

މި ބޯޓު ހަވާލުކުރުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް އިތުބާރާއި އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވެ، ދިފާއީ ދާއިރާގައި ދެ ގައުމުގެ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވިކަން ރަމްޒުކޮށްދޭ މުހިންމު ކަމެއް ކަމަށް އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓްރީން އޭރު ބުނެފައި ވެއެވެ.

މިއީ އޮސްޓްރޭލިއާގެ އޮސްޓަލް ޝިޕްސްއިން ބަނދެގެން އެކުވެރި ގައުމުތަކަށް ފޯރުކޮށްދިން ގާޑިއަން ކްލާސްގެ 24 ވަނަ އަދި އެންމެ ފަހު ބޯޓެވެ.

އޮސްޓްރޭލިއާއިން މި ބޯޓު ރާއްޖެއަށް ހަދިޔާކުރަން ނިންމިކަން އިިއުލާނުކުރީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސްއާއި ރާއްޖޭގެ އޭރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓެއްގައި މިދިޔަ އަހަރުގެ ޖޫން މަހެވެ. މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓައި ރައްކާތެރިކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެކެވެ.