ޗައިނާގެ ޝަންޒީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ނުރައްކާތެރި ގޭސް ގޮވުމުގެ ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހާދިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، އަދި ގިނަ ބަޔަކަށް އަނިޔާވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި، ޗައިނާ ސަރުކާރަށާއި ރައްޔިތުންނަށް އިހްލާސްތެރި ތައުޒިޔާ ފޮނުއްވާފައެވެ.
މީގެ އިތުރުން، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ޗައިނާއާއެކު ސާބިތުކަންމަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ހާދިސާގެ އަސަރު ކުރި ފަރާތްތަކަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން، މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޗައިނާގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ އުތުރުގެ ސަރަޙައްދެއް ކަމަށްވާ ޝަންޒީ ޕްރޮވިންސްގެ ޗަންގްޒީ ސިޓީގެ މައިންގައި ހުކުރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި މިހާތަނަށް ހަތަރު މަސައްކަތްތެރިން ވަނީ މަރުވެފައެވެ. އަދި 90 އަށްވުރެ ގިނަ މީހުން ބިމުގެ އަޑީގައި ތާށިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާ ހިނގި ވަގުތު މައިންގެ ތެރޭގައި ޖުމްލަ 247 މަސައްކަތްތެރިން ހަރަކާތްތެރިވަމުން ދިޔައިރު، މިހާތަނަށް 150 އަށްވުރެއް ގިނަ މަސައްކަތްތެރިން ވަނީ ރެސްކިއު ކުރެވިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް މިހާތަނަށް ބެލެވިފައިވަނީ، މައިންގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކާބަން މޮނޮކްސައިޑް ގޭސް އިތުރުވުމެވެ. ނަމަވެސް، މި ގޭސް އިތުރުވާން މެދުވެރިވި ސީދާ ސަބަބެއް ކަމާބެހޭ އޮފިޝަލުން އަދި ހާމައެއް ނުކުރެއެވެ.
