އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޭސް ލިބުމުގެ ދަތިތައް ނިމުމަކަށް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭ އެ މައްސަލަ ހައްލުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ބޭސް ސިޓީތަކަށް ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަގްސަދުގައި، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދާފައެެވެ.
އެއާއެކު އަންނަ ޖޫން ނުވަތަ ޖުލައި މަހާ ހަމައަށް ދާއިރު ބޭސް ލިބުމުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް އައިސް، ހާއްސަކޮށް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް މެދުކެނޑުމެއްނެތި ބޭސް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ބޭސްފަރުވާއަށް ބޭނުންވާ އާލާތްތަކާއި ޑޮކްޓަރީ ބޭސް ރާއްޖެއަށް އެތެރެކުރުން ހަރުދަނާކުރުމުގެ މަގްސަދުގައި އުފެއްދި މި ކުންފުނިން ދަނީ މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ހުރިހާ ބޭސްފިހާރަތަކެއް އަންނަ ޖުލައި މަހުގެ ނިޔަލަށް ސްޓޭޓް ފާމާގެ ހިންގުމުގެ ދަށަށް ބަދަލުކުރުން ހިމެނެއެވެ.
ހަމައެހެންމެ، މުޅި ރާއްޖޭގައި ހުރި ފާމަސީތަކުގެ ސްޓޮކް ވަގުތުން ވަގުތަށް ބަލައިލެވޭނެ ޒަމާނީ ނިއުގަނޑެއް ތައާރަފުކުރުމުގެ މަސައްކަތްވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
އެގޮތުން ކުންފުނީގެ އަމަލީ މަސައްކަތްތައް ފެށުމުގެ ގޮތުން، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފުރަތަމަ ފާމަސީ ހުޅުވައި، އެ މަރުކަޒަށް ބޭނުންވާ ބޭސްތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
