ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް އިޓަލީގެ 5 ޑައިވަރުން މަރުވި ހާދިސާގައި، އެ ޑައިވަރުންގެ ހަށިތައް މިރޭ އެ ގައުމަށް ފޮނުވަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ ހަތަރު މީހުންގެ ހަށިގަނޑު ފޮނުވައި، ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭގެ ރިޕޯޓު ރާއްޖޭގެ ތަހުގީގީ ޓީމާ ހިއްސާކުރާނެކަމަށެވެ.
އިޓަލީގެ 5 ޑައިވަރުން މަރުވި ހާދިސާގައި، އެންމެ ފުރަތަމަ ފެނުނު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑު އިޓަލީއަށް މި މަހުގެ 19ވަނަ ދުވަހު ވަނީ ފޮނުވާލާފައެވެ. މިރޭ ފޮނުވުމަށް ހަމަޖެހިފައިވަނީ ބާކީ ތިބި 4 މީހުންގެ ހަށިތަކެވެ.
މި ހާދިސާއާއި ގުޅިގެން އިޓަލީގެ މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުން މި ހާދިސާގެ ތަހުގީގެއް އިޓަލީގެ ޕްރޮސެކިއުޓަރުން ވަނީ ފަށާފައެވެ. މިއީ ދިވެހި ފުލުހުން ކުރިއަށް ގެންދާ ތަހުގީގު އިތުރުން އެގައުމުން "އިހުމާލުން މީހަކު މަރުވިތޯ ބެލުމަށް" ހިންގާ ތަހުގީގެއް ކަމަށް ވެއެވެ. މީގެ އިތުރުން ވެސް ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންދިއުމަށް ފަހު، އެ މީހުންގެ އޮޓޮޕްސީ ހެދުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ހާދިސާގައި މަރުވެފައި ވަނީ މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ޖިއަންލުކާ ބެނެޑެޓީ 44، އަދި ފެޑެރީކޯ ގުއަލްޓިއަރީ 31 އެވެ.
މި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޑައިވަރުންނާ ހަވާލާދީ ބޭރުގެ ރިޕޯޓުތަކުން ބުނި ގޮތުގައި، ތަޖުރިބާކާރު މި ފަސް ޑައިވަރުންނަށް މައްސަލަ ދިމާވީ ހޮހަޅައިގެ ތެރޭގައި އުފެދުނު "ސޭންޑް ވޯލް އިލިއުޝަން" ނުވަތަ ވެލީގެ ފާރެއް ކަމަށް ހީކޮށް އޮޅިގެންނެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޑައިވަރުންނަކީ ރާއްޖޭގެ ސޮފްޓްކޮރަލްއާ ބެހޭ ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި ބައެކެވެ. ނަމަވެސް ހުއްދަ ނެތް ދެ މީހަކު ޓީމުގައި ހިމެނޭ ކަމަށާއި، ހޮހަޅައަށް ވަންނަން އުޅޭކަން އަންގާފައި ނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
