ދިވެހިރާއްޖޭގެ ކަނޑުގެ އަޑީގައި ހުރި ހޮހަޅައެއްގެ ތެރޭގައި ތާށިވެ، އިޓަލީގެ ފަސް ފީނުންތެރިން މަރުވި ހާދިސާގައި ކުރިއަށްގެން ދިޔަ ނުރައްކާތެރި ކޭވް މިޝަން އޮޕަރޭޝަންގެ އެންމެ ފުރަތަމަ ފޮޓޯތައް 'ޑައިވާސް އެލާޓް ނެޓްވޯކް' (ޑޭން) އިން ރަސްމީކޮށް އާންމުކޮށްފިއެވެ.

މި ފޮޓޯތައް ނަގާފައިވަނީ މުޅި އޮޕަރޭޝަންގެ އެންމެ ފަހު ފީނުމުގެ ތެރެއިން، މަޝްހޫރު ކޭވް ޑައިވަރު ސާމީ ޕާކަރިނެން އެވެ.

އާންމުކުރި ފޮޓޯތަކުން ފެންނަނީ، ކޭވް ސިސްޓަމްގެ އެންމެ ކުރީކޮޅުގެ ސަރަހައްދުގައި ސަލާމަތްކުރާ ޓީމުގެ ޑައިވަރުން ހަރަކާތްތެރިވަމުންދާ މަންޒަރެވެ. މި ސަރަހައްދަކީ ބޭރުން ކުޑަކޮށް ގުދުރަތީ އަލި ފޭދިގެން އެތެރެއަށް ވަންނަ ހިސާބެވެ. ނަމަވެސް މި ހިސާބުން ފެށިގެން ދެން މުޅި ކޭވް ސިސްޓަމް ތިރިއަށް ފެތުރިގެން ގޮސްފައިވަނީ އެއްވެސް އަލިކަމެއް ނެތް، މުޅިން އަނދިރި އަދި ނުރައްކާތެރި ފުން ހޮހަޅަތަކެއްގެ ގޮތުގައެވެ.

ކޭވް ގެ އެންމެ ކުރީކޮޅުގެ ސަރަހައްދުގައި ޑައިވަރުން ހަރަކާތްތެރިވަމުންދާ މަންޒަރު / ފޮޓޯ: ޑޭން ޔޫރަޕް

ޑޭން ގްރޫޕުން ބުނިގޮތުގައި މި ފޮޓޯތަކުން ހާމަވަނީ އެ ސަރަހައްދުގެ ނުރައްކާތެރިކަމާއި ސަލާމަތްކުރާ ޓީމުތަކުން ކުރިމަތިލާންޖެހުނު ބިރުވެރި ހަގީގަތެވެ.

ފޮޓޯތަކާއެކު 'ޑޭން' އިން ނެރުނު ބަޔާނުގައި މި ނުރައްކާތެރި މިޝަންގައި ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރި ހިތްވަރުގަދަ ސަލާމަތްތެރިންނަށާއި މުޅި ޓީމަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

މި ހާދިސާގެ ތަހުގީގު ކުރިއަށްދާއިރު، މައްސަލަ ކުރިއަށްދާ ގޮތް ބަލާ ކަމާބެހޭ އިދާރާތަކާއެކު ވަރަށް ގާތްގޮތެއްގައި ޑޭން އިން ދަނީ މަސައްކަތް ކުރަމުންކަމަށް އެ ގުރޫޕުން ވަނީ ބުނެފައެވެ.

ނުރައްކާތެރި ކޭވްގެ އެތެރޭގެ މަންޒަރެއް / ފޮޓޯ: ޑޭން ޔޫރަޕް

ރާއްޖޭގައި ކޭވް ޑައިވިންގް އަކީ އާންމުކޮށް ކުރާ ކަމަކަށް ނުވި ނަމަވެސް، ބައެއް ފުން ސަރަހައްދުތަކުގައި ހުންނަ ހޮހަޅަތަކަށް ފީނުމުގައި ހާއްސަ ތަމްރީނާއި ސަލާމަތީ ފިޔަވަޅުތައް ބޭނުންވެއެވެ. މި ހާދިސާއާ ގުޅިގެން ޑައިވިންގް ކޮމިއުނިޓީއަށް ބޮޑު ސިހުމެއް ލިބިފައިވާއިރު، ތަހުގީގު ޓީމުން މިހާރު މަސައްކަތްކުރަމުން ދަނީ ގޯޕްރޯ ވީޑިއޯތަކުގެ އެނަލިސިސް ނިންމައި، ހާދިސާގެ ފުރިހަމަ ރިޕޯޓެއް އެކުލަވާލުމަށެވެ.

ނުރައްކާތެރި ކޭވް މިޝަންގެ ތެރެއިން / ފޮޓޯ: ޑޭން ޔޫރަޕް

ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ހާދިސާގައި މަރުވެފައި ވަނީ މޮނިކާ މޮންޓެފަލްކޯން 52، އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކާލް 20، މުރީއެލް އޮޑެނިނޯ 31، ޖިއަންލުކާ ބެނެޑެޓީ 44، އަދި ފެޑެރީކޯ ގުއަލްޓިއަރީ 31 އެވެ.

އެމީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ޑައިވަރުންނާ ހަވާލާދީ ބޭރުގެ ރިޕޯޓުތަކުން ބުނި ގޮތުގައި، ތަޖުރިބާކާރު މި ފަސް ޑައިވަރުންނަށް މައްސަލަ ދިމާވީ ހޮހަޅައިގެ ތެރޭގައި އުފެދުނު "ސޭންޑް ވޯލް އިލިއުޝަން" ނުވަތަ ވެލީގެ ފާރެއް ކަމަށް ހީކޮށް އޮޅިގެންނެވެ.

ނުރައްކާތެރި ކޭވް މިޝަންގެ ތެރެއިން / ފޮޓޯ: ޑޭން ޔޫރަޕް

ސަރުކާރުން ބުނެފައިވާ ގޮތުގައި މި ޑައިވަރުންނަކީ ރާއްޖޭގެ ސޮފްޓްކޮރަލްއާ ބެހޭ ދިރާސާއެއް ކުރުމަށް ހުއްދަ ނަގައިގެން އައި ބައެކެވެ. ނަމަވެސް ހުއްދަ ނެތް ދެ މީހަކު ޓީމުގައި ހިމެނޭ ކަމަށާއި، ހޮހަޅައަށް ވަންނަން އުޅޭކަން އަންގާފައި ނުވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.